ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިސްލާހު ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. އަދި ކުޅިވަރާއި ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ، ހަސަން ލަތީފުގެ ބިލުން އެކަންކަން ހާސިލްވާނެ ކަމަށެވެ.

ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅި ބޭނުމެއްގެ ގޮތުގައި ހަސަން ލަތީފް ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށޫ އެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި، އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމު ކުރުމެވެ.

ހަމައެހެންމެ ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާ ބުތަކެއްކަމުގައި ހެދުމާ ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާ ބާރުތައް ކަނޑައެޅުމަކީވެސް ބިލުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ކަމަށް މެމްބަރު ހަސަން ލަތީފް ފާހަގަކުރައްވާފައެވެ.