ދުނިޔޭގެ ނިސްބަތުން 2 ވަނަ އަށް އެންމެ ބައިބޯ ގައުމުގެ ގޮތުގައި އޮތް އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 މިލިއަންގެ ފާހަގަ ހުރަސް ކޮށްފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް 2 ވަނަ ރޭންކުގައި އޮތް އިންޑިއާއިން މިހާތަނަށް 8040203 މީހަކަށް މި ބަލި ޖެހުނު ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. އިންޑިއާ ސަރުކާރުން އާންމުކޮށްފައި ވާ މައުލޫމާތަށް ބަލާއިރު، މިއަދު 49881 ކޭސް ވަނީ ރެކޯޑް ކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ ޕީކަށް ފަހު، އިންޑިއާއިން ކޭސް ރިޕޯޓް ކުރާ މިންވަރު ދަށްވި ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތީ އިންޑިއާއަށް ފިނި މޫސުމުގެ ދުވަސްވަރު ކަމަށް ވެފައި، މި ދުވަސްވަރަކީ އިންޑިއާގައި ދީނީ ހަރަކާތްތައް ގިނަ ދުވަސްރެއް ކަމުން، ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިއުން އެކަށީގެންވާކަމަށް، ކަމާ ބެހޭ ފަރާތްތަކުން ދަނީ އިންޒާރު ކުރަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް، އިންޑިއާއިން ދަނަނީ ކޮވިޑް-19 ގެ ކުރިން އުޅުނު އާންމު ދިރިއުޅުމާ އެއް ގޮތަށް ކަންކަން ބަދަލު ކުރަމުން ކަން ފާހަގަ ކުރަންޖެހެއެވެ. ވިޔަފާރި ކުރާ ފިހާރަތަކާ، ސަބްވޭއާ ރޭލުގެ ހިދުމަތްތައް ފަށާފައި ވާއިރު، ފިލްމު ދައްކާ ސިނަމާތަކާ ތިއޭޓަރުތައްވެސް ވަނީ ހުޅުވާފައެވެ.

އިންޑިއާގައި 3 ވަނަ އަށް އެންމެ ބޮޑު ސްޓޭޓް ކަމަށް ވާ ބިހާރުގައި މިއަދު އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާ ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ. ބިހާރަކީ ގާތްގަނޑަކަށް 122 މިލިއަން މީހުންގެ އާބާދީއެއް އޮތް ސްޓޭޓެކެވެ.