އަންނަ ހަފްތާގައި ލ. ކައްދޫ ޓްރެއިނިން ސެންޓަރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނުތަކުގައި ހަތިޔާރު ބޭނުން ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީޢެފުން ބުނީ، މި ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އޮކްޓޯބަރުމަހު 31 ވަނަ ދުވަހުން ނޮވެމްބަރު 2 އަށް އަދި ނޮވެމްބަރު 6 އަކުން 8 އަށް ކަމަށެވެ. ލ. ކައްދޫ ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ކުރިއަށް ދާ ކޮންމެ ދުވަހެއްްގެ ހަވީރު 6 އަކުން 11:59 އަށް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ތަމްރީނުތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ބޭނުން ކުރަން ހަމަޖެހިފައިވާ ހަތިޔާރު ތަކަކީ، ފިސްތޯލަ، ރައިފަލް، މެޝިންގަން އަދި ފްލޭޔާސް އެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގައި 5000 މީޓަރުގެ ދުރުމިނަށް ވައިގެ ސަރަހައްދު ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 300 މީޓަރުގެ އުސްމިނަކަށް ވައިގެ ސަރަހައްދު ބޭނުން ކުރަން ހަމަޖެހިފައި ވާއިރު، އެންމެ ތިރިމިނަކަށް އެ ސަަރަހައްދު ބޭނުން ކުރާނީ ސީ ލެވެލްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ވައިގެ ސަރަޙައްދު ބޭނުން ކުރާނެ ޑައިރެކްޝަނަކީ ލ. ކައްދޫ ޓްރެއިނިން ސެންޓަރުގެ ރޭންޖުން އިރު ދެކުނަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ދަނީ ދޭތެރެ ދޭތެރެއިން ހަތިޔާރާއެކު މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. އަދި މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ކުރިއަށް ގެންދާ ތަމްރީނު ތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.