މި ޢުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކޮށް، ކުރަހާފައިވާ ކާޓޫންތަކަށް ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯން ތާއީދު ކުރަމުންދާ ކުރުމަކީ، "ބޯކޮސް" އަމަލެއް ކަމަށާ، މިފަދަ މުރުތައްދު ކާޓޫންތަކަށް ތާއީދު ކުރުމަކީ އޭނާއަށް ވޯޓު ދިން މީހުންނަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީ، ފަރަންސޭސި ރައީސަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

އޭނާގެ ރަސްމީ ވެބްސައިޓްގައި، ފަރަންސޭސި ޒުވާނުންނަށް ދެއްވި މެސެޖުގައި ޚާމަނާއީ ވަނީ، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ނަމުގައި، މާތް ﷲ ގެ ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކޮށްފައިވާ ކާޓޫންތަކަކަށް ރައީސް ތާއީދުކުރަނީ ކީއްވެތޯ ސުވާލު ކުރުމަށް ގޮވާލައްވާފައެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ފުރައްސާރަ ކުރުންތޯ، އަދި ވަކިން ހާއްސަކޮށް މާތް ސާހިބަކަށް ފުރައްސާރަ ކުރުންތޯ ސުވާލު ކުރުމަށްވެސް ޚާމަނާއީ ވަނީ ގޮވާލައްވާފައެވެ.

ކޮވިޑް-19އާ ބެހޭ ގޮތުން އީރާނުގެ ރައީސް ހަސަން ރޫހާނީ ގައުމަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

މުސްލިމުންނާ ދެކޮޅަށް ޒަމާނުއްސުރެ ދުއްތުރާ ކުރަނިވި ސަގާފަތެއް އޮތް ފަރަންސޭސިވިލާތުގެ ރައީސް މެކަގޯން ވަނީ މުރުތައްދު ކާޓޫންތައް ދިފާއުކޮށް، އިސްލާމް ދީނަކީ މުޅި ދުނިޔެއަށް އޮތް ކާރިސާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވުމަށްވެސް އޭނާ ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް ވާއިރު، މުޅި އިސްލާމީ އުއްމަތް ވަނީ ފަރަންސޭސިވިލާތުގެ ސަރުކާރާ ދެކޮޅަށް ތެދުވެ، އަޑު އުފުލަން ފަށާފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީވެސް ވަނީ، މެކަގޯންގެ އަމަލުތައް ހުރި ގޮތުން ހަމަނުޖެހުމަކާ ލޭ އޮހުރުވުމެއް ފެށިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އިންޒާރު ކުރައްވާފައެވެ. މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކުރުމަކީ މުޅި އިސްލާމީ އުއްމަތާ، އެންމެހާ ރަސޫލުންނާ އިންސާނީ އަދަބުތަކަށްވެސް ފުރައްސާރަ ކުރުން ކަމަށް ރޫހާނީ ވަނީ ސިފަ ކުރައްވާފައެވެ.

މި މޭރުމުން ރޫހާނީ ވިދާޅުވީ، ވިލާތުގެ ކޮންމެ މީހަކީ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ދަރާފައި ވާ މީހެއް ކަމަށާ، ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަކީ އިންސާނިއްޔަތުކަން އުނގަންނައި ދެއްވި މުދައްރިސް ކަމަށެވެ.

ފަރަންސޭސިވިލާތާ ދެކޮޅަށް އީރާނުގައިވެސް ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އަރަބި ބޮޑެތި ގައުމުތަކުން މިހާރު ވަނީ ފަރަންސޭސިވިލާތް ބޮއިކޮޓް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.