ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، އެ ބަލިން ރަނގަޅު ވަމުން އަންނަ ޕޭޝަންޓުންގެ ސިކުނޑީގެ ގާބިލިއްޔަތުކަމަށް އަސަރު ފޯރާ ކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޑޮކްޓަރެއް ކަމަށްވާ ޑރ އެޑަމް ހެމްޝަޔާ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް ބުނާ ގޮތުގައި، ކޮވިޑް-19 ޖެހި، ރަނގަޅުވަމުން އަންނައިރު ސިކުނޑީގެ ގާބިލިއްޔަތުކަމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ޕޭޝަންޓުގެ އުމުރަށްވުރެ ސިކުނޑީގެ އުމުރުން 10 އަހަރު އުނިވާ ހާލަތު އަންނަ ކަމަށް ބުނެވެއެވެ.

84000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ސީރިއަސް ކޭސްތަކުގައި، ސިކުނޑީގެ ގާބިލިއްޔަތުކަމަށް އަންނަ އުނިކަން، އެތައް މަހަކަށް ދެމިގެންދާކަން ވަނީ ފާހަގަކޮށްފައެވެ. ކޮވިޑް-19ގެ ޖެހި، އެ ބަލިން ރަނގަޅުވެ އަލާމާތްތައް ފިލާދާ ފަހުންވެސް ސިކުނޑީގެ ގާބިލިއްޔަތު ކަމަށް އަސަރު ކޮށްފައި ހުންނަ ކަމަށް މި ދިރާސާގެ ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ސިކުނޑީގެ ގާބިލިއްޔަތުކަން ވަޒަން ކުރުމަށް ހާއްސަ ޓެސްޓުތަކެއް ހުރެއެވެ. މިކަން އާންމު ގޮތެއްގައި ވަޒަން ކުރަނީ އެކި ޓާސްކުތައް ފުރިހަމަ ކުރާ ގޮތް ބަލައިގެންނެވެ. މިސާލަކަށް ބަސްތައް ހަނދާން ކުރުމާ، ޕަޒަލްއެއްގައި ހުންނަ ތިކިތައް ގުޅުވުންފަދަ މަސައްކަތްތަކުގެ ތެރެއިން ސިކުނޑީގެ ގާބިލިއްޔަތުކަން ވަޒަން ކުރެއެވެ. އަލްޒައިމާޒް ފަދަ ބަލިތަކަށް ސްކްރީން ކުރުމަށް ބޭނުން ކުރާ ޓެސްޓުތަކުންވެސް މިކަން ދެނެގަނެވެއެވެ.

މި ދިރާސާއަކީ އަދި އިލްމީ އެންމެ މަތީ ފަންތީގައި ވަޒަން ކޮށްފައި ދިރާސާއަކަށް ނުވާއިރު، މި ދިރާސާ މުރާޖައާ ކުރުމުގައި ވަރަށް ސަމާލުވާންޖެހޭ ކަމަށް ސައެންސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން ދިރާސާގައި ފާހަގަކޮށްފައިވާ ސިކުނޑީގެ އުނިކަމަކީ ދާއިމީ ނުވަތަ ކުރު މުއްދަތުގެ އުނިކަމެއްކަން ކަނޑައެޅިފައި ނުވުން ހިމެނޭ ކަމަށް އެޑިންބާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖޮއެނާ ވޯޑްލޯ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ކޮވިޑް-19ގެ ކުރިން އެ ޕޭޝަންޓުންގެ ސިކުނޑީގެ ގާބިލިއްޔަތު ހުރިކަން ވަޒަން ކުރެވިފައި ނެތުމަކީ، ދިރާސާއަށް އެންމެ ފުރިހަމަ ސައްހަކަން ނުދެވޭނެ ކަމެއް ކަމަށް ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ މެޑިކަލް އިމޭޖިންގް ސައެންސް ޕްރޮފެސާ ޑެރެކް ހިލް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ސިކުނޑިއަށް އަސަރުތަކެއް ފޯރާ ކަމަށް ބުނާ ދިރާސާއެއް އާންމު ކޮށްފައި ވާއިރު، މި ބަލީގެ ސަބަބުން ހިތުގެ ޖިސްމާނީ ސިއްހަތަށް އަސަރު ކުރާ ކަމަށް ބުނާ ދިރާސާއެއްވެސް ދާދި ފަހުން ވަނީ އާންމު ކޮށްފައެވެ.