މި ޢުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ، އާންމުންނަށް ފެންނާނެހެން އެ މަންޒަރުތައް ޑިސްޕްލޭކޮށް، ކާޓޫންތައް ދޫ ނުކުރާނެ ކަމަށް ބުނެ އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ފަރަންސޭސިވިލާތާ ދެކޮޅަށް އިސްލާމީ ދުނިޔެއިން އަޑު އުފުލަމުން އަންނަ މި ދަނޑިވަޅުގައި، ހިންދޫ-މެޖޯރިޓީ އޮންނަ އިންޑިއާއިން ތަފާތު މެސެޖެއް ދީފިއެވެ.

އެގޮތުން އިންޑިއާ އޮތީ ފަރަންސޭސިވިލާތާ އެކުގައި ކަމަށާ، އިންޑިއާ އޮތީ ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯންއާއިއެކު ކަމަށް ބުނާ ހޭޝްޓެގްތައް ސޯޝަލް މީޑިއާގައި ވަނީ ޓްރެންޑްވެފައެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް މިކަން އޮތީ މިހެންނެވެ. ޓްވިޓާ ޕްލެޓްފޯމުގައި ހަރަކާތްތެރިވާ އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ފަރަންސޭސިވިލާތަށް އެއްބާރުލުން ދޭ ކަން ހާމަ ކުރަމުންނެވެ.

މުސްލިމުންނަކީ ވަކިވެގަތުމަށް މަސައްކަތް ކުރާ ބައެއް ކަމަށާ، އިސްލާމް ދީނަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއެއް ކަމަށް ސިފަކުރި ފަރަންސޭސި ރައީސް މެކަގޯންއަށްވެސް އިންޑިއާގައި ތަރުހީބު ބޮޑެވެ.

ކަން މިހެން އޮތްއިރު، އިސްލާމީ ކުދި-ބޮޑު ގައުމުތަކުން ދަނީ ފަރަންސޭސިވިލާތާ ދެކޮޅަށް އަޑު އުފުލާ، މުޒާހަރާ ކޮށް، ފަރަންސޭސިވިލާތް ބޮއިކޮޓް ކުރަމުންނެވެ. ފަރަންސޭސިވިލާތާ ދެކޮޅަށް ތުރުކީވިލާތް، ޕާކިސްތާން އަދި ބަންގްލަދޭޝްގައި މުޒާހަރާތައް ކުރިއަށްދާއިރު، އިސްލާމީ ބޮޑެތި ގައުމުތަކުން ވަނީ ފަރަންސޭސިވިލާތުގެ ޖަރީމާ ކުށްވެރި ކޮށްފައެވެ. އަދި ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ އޮއެވަރެއްވެސް އިސްލާމީ ގައުމުތަކުގައި ވަނީ ފަށާފައެވެ.

އިންޑިއާގައި ޓްރެންޑް ވަމުން އަންނަ ހޭޝްޓެގްތަކަށް ބަލާއިރު، މެކަގޯންއަކީ ބަތޮލެއް ކަމަށް ވަކަލާތުކުރާ ހޭޝްޓެގެއްވެސް ހިމެނެއެވެ.

ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލުވިފަހުން އެ ގައުމުގައިވެސް އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ. މިހާލަތުގައި ފަރަންސޭސިންނާ އެއްކޮޅަށް ޝުއޫރުފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ބީޖޭޕީ ތަމްސީލުކުރާ މެމްބަރެއްވެސް ހިމެނެއެވެ.

އިންޑިއާއާއި ފަރަންސޭސިންގެ ގުޅުމަށް ބަލާއިރު، ފަރަންސޭސިވިލާތުގައި އުފައްދާފައި ވާ ރަފޭލް ފައިޓާ ޖެޓުގެ 5 ބޯޓު، މިއަހަރުގެ ކުރީކޮޅު އިންޑިއާއަށް ވަނީ ފޯރުކޮށްދީފައެވެ.