ލ.ގަމާއި ބޭރުގައި އޮއްވާ ހަތިޔާރާއި އެކު އަރައި ގަމަށް ގެންދިޔަ "ފަސްކުރި" ދޯނި ވެރިފަރާތާ ހަވާލުކުރުމަށް އަންގައި ގަމު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ވަކިގޮތަކަށް ނިންމުމުގެ ކުރިން "ފަސްކުރި ދޯނީ"ގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިން ވަނަ ފަރާތެއް ހުރުމަކީ ދޯނީގެ ވެރިފަރާތަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.
އެހެންކަމުން ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ޝަރީއަތުން އެހެން ގޮތަކަށް އަންގަންދެން "ފަސްކުރި" ދޯނީގެ ވެރިފަރާތައް ދޯންޏާއި ދޯނީގައިވާ އެންމެހައި ތަކެތި ވަގުތުން ހަވާލުކުރުމަށް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އެ މައްސަލައަކީ ދޯނީގެ ވެރިފަރާތް، ލ. ގަމު އިދުރީސް ހުސެއިން ހުށަހެޅި މައްސަލައެކެވެ. އެ މައްސައލައިގައި އެދިފައި ވަނީ ދޯނީގެ އަގާއި އެމްޓީސީސީ އަށް އިންޖީނުގެ އަގު ދެއްކުމަށް ރިޗްކްލަބް މޯލްޑިވްސް އިން ހިލާފުވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ އިތުރުން، އިދުރީސަށް ދޯނި ހަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި އެ އުޅަނދަށް ފައިސާ ދައްކަން ޖެހޭކަން ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެއެވެ.
މީގެ އިތުރުން އެ ދޯނީގައި ތިބި މީހުންނާއި އެ މީހުންގެ އަމިއްލަ ތަކެތި ވެރި ފަރާތުގެ ހުއްދަ އާއި އެކު ހަ ގަޑިއިރު ތެރޭގައި ހުސް ކުރުމަށް އަންގާ ކަމަށާއި އެގޮތަށް އަމަލުނުކުރާނަމަ އެ އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި މީގެ ދެ އަހަރު ކުރިން "ފަސްކުރި" ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ، ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެއެވެ. ނަމަވެސް ރިޗްކްލަބް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާބިރު އެ ވާހަކަތައް ދޮގުކުރައްވައެވެ.