މި އުއްމަތުގެ ނަބިއްޔާ މުހައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކޮށް ކާޓޫން ކުރެހުމާ، އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވުމަށް ކުރާ މަސައްކަތްތައް ކުށްވެރިކޮށް ސައުދީ އަރަބިއްޔާއިން އަޑު އުފުލައިފިއެވެ.

މިފަދަ ރޫހެއްގައި ސައުދީ އަރަބިއްޔާއިން އަޑު އުފުލާފައި މި ވަނީ، އިސްލާމީ ދުނިޔެއާއި ފަރަންސޭސިވިލާތާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޒަމާނުއްސުރެ މުސްލިމުންނާ ދެކޮޅު ރޫހެއްގައި ހަރަކާތް ހިންގަމުންދާ ފަރަންސޭސިވިލާތާއި އިސްލާމުންނާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނީ، މުހައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް، ކުރަހާފައިވާ ކާޓޫންތަކެއް، ފިލާވަޅެއްގެ ގޮތުގައި ދަރިވަރުންނާ ހިއްސާކުރި ޓީޗަރުގެ ބޯ ބުރިކޮށް، މަރާލި ހާދިސާއާ ގުޅިގެންނެވެ.

ސައުދީ އަރަބިއްޔާގެ ހާރިޖިއްޔާ އިން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި ސަގާފަތަކީ، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާ، އަނެއް ބަޔަކު ބަލައިގަތުމާ، ސުލްހައިގެ ދަންމަރަށް ވާންޖެހޭ ކަމަށެވެ. މިއާ ހިލާފަށް ނަފުރަތު އުފައްދަނިވި ހަރަކާތް ހިންގުމާ، ހަމަނުޖެހުން ހިންގުމާ، ހައްދު ފަހަނަ އަޅާ ދިއުމަކީ ދެބަޔަކު އެކުއެކީގާ އުޅުމަށް އޮތް ހުރަހަކަށް ވާއިރު، ސައުދީއިން އެފަދަ ކަންކަމާ ދެކޮޅު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ދަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުން / ފޮޓޯ: ރޮއިޓާސް

ފަރަންސޭސި ރައީސް މެކަގޯން ވަނީ އެ ގައުމުން ކާޓޫންތައް ދޫކޮށްނުލާނެ ކަމަށް ބުނެ، ގޮންޖަހާފައެވެ. މުހައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކޮށްފައިވާ ކާޓޫންތައް، ފަރަންސޭސިވިލާތުގެ ބޮޑު އިމާރާތެއްގެ ބޭރުގައި ޑިސްޕްލޭ ކޮށްފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޓީޗަރަށް ދިން ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ފަރަންސޭސިވިލާތުން ރިއާޔަތް ކުރަމުން އަންނައިރު، މުސްލިމުންނާ ދެކޮޅަށް އެގައުމުން ކުރިން ތަންފީޒު ކުރަމުންދިޔަ ޚުދުމުޚުތާރު ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. މިއާއެކު، އިސްލާމީ ދުނިޔެއިން ވަނީ ފަރަންސޭސިން ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއްވެސް ފަށާފައެވެ.

އަރަބި ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދު އޮންނަ ސައުދީ އަރަބިއްޔާއިންވެސް ވަނީ ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓް ކުރަން ފަށާފައެވެ.