ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުމަށް، ހަމަނުޖެހުންތަކަކުގެ ސަބަބުން ފުރުސަތު ތަނަވަސް ކޮށްދޭ ކަމަށް، މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކާ ބެހޭ އދގެ ހާއްސަ ކޯޑިނޭޓަރު، އދގެ ސަލާމަތީ މަޖިލީހަށް ދަންނަވައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކާ، ހިންގަމުންދާ ހަމަނުޖެހުންތައް، ކޮވިޑް-19 އަށް އިޖާބަ ދިނުމުގެ ގޮތުން ހުއްޓުމަކަށް ގެނައުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވާފައި ގޮވާލެއްވުން ހަނދާން ކޮށްދެއްވަމުން، އދގެ މަންދޫބު، ނިކޮލާއީ މްލަޑަނޯފް ވިދާޅުވީ، ހުރިހާ އެންމެންގެ މެދުގައި ކޯޑިނޭޓް ކުރެވޭ އުސޫލަކުން ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ހިންގަމުންދާ ހަމަނުޖެހުންތަކަކީ ކޮވިޑް-19ގެ ހުޅުގަނޑަށް އެޅޭ ދަރެއް ކަމުގައި ސިފަކުރައްވަމުން، ހިރާސް ކުޑަކޮށް، ފުރާނަތަކެއް ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރިހާ އެންމެންގެ އެއްބާރުލުން ހޯދުމަށް އދއިން މަސައްކަތް ކުރަމުން ދާނެ ކަން ވެސް މަންދޫބު މްލަޑަނޯފް ވަނީ ފާހަގަ ކުރައްވާފައެވެ.

އިސްރާއީލުން ވެރިވެ ގެންފައި ވާ ފަލަސްތީނުގެ ބިންތަކުގައި އިއުލާން ކޮށްފައި ވާ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމާ، ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާ ދިއުން، މިހާރުވެސް އެ ސަރަހައްދުގައި އޮތް އިންސާނިއްޔާތާ އިގުތިސޯދީ ގޮންޖެހުންތަކަށް އިތުރު ތަކުލީފަކަށް ވެފައި ވާ ކަމަށް މްލަޑަނޯފް ވިދާޅުވިއެވެ.

ގައްޒާއިން ހާލު ދެރަވާ ޕޭޝަންޓުން އެހެން ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކަށް ބަދަލު ކުރުމަށް އދ މެދުވެރިވެ އޮވެ އެކުލަވާލި އެއްބަސްވުންތަކުން ފުރުސަތު ދިން ކަމުގައި ވީ ނަމަވެސް، އިންސާނިއްތާ ގުޅުން ހުރި ސަޕްލައި، ގައްޒާއަށް ފޯރުކޮށްދިނުމަށް އޮތް ހުރަސް އަދިވެސް އެގޮތުގައި އޮތް ކަން، މްލަޑަނޯފް ވަނީ ފާހަގަ ކުރައްވާފައެވެ.

ފަލަސްތީނުގެ ސަރުކާރާއި އިސްރާއީލުގެ ސަރުކާރުން އަދާ ކުރަން ޖެހޭ ޒިންމާތަކާ ވާޖިބުތަކަކީ، އދ އިން ކޮށްދެވޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް މަންދޫބު ވަނީ ވިދާޅުވެފައެވެ. އދއާ މަތިކުރާ ޒިންމާތައް އިތުރު ކުރަން ވާނީ ވަކި އިމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކަމަށްވެސް މަންދޫބު ވަނީ ފާހަގަ ކުރައްވާފައެވެ.

މެދުއިރުމަތީގެ މައްސަލައަށް ހައްލު އޮތީ އިސްރާއީލާއި ފަލަސްތީނުންވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށާ، މިވަގުތު ފަލަސްތީނުގެ ސަރުކާރަށް ކުރިމަތިލާންޖެހިފައިވާ މާލީ ދަތިކަމަކީ، އެ ސަރުކާރުގެ ހައިބަތާއި ޝަހްސު އޭގެ ގޮތުގައި ކުރިއަށް ނެރުމަށް އޮތް ހުރަހެއް ކަމަށް އދގެ މަންދޫބު ވަނީ އިޝާރާތް ކުރައްވާފައެވެ. އަދި ފަލަސްތީނުގެ އިގުތިސޯދާއި މާލީ ހަރަކާތްތައް އަލުން ހިންގައިގަތުމަށް ހައްލު ހޯދުމަށް މަސައްކަތް ފެށުމަށްވެސް އދ އޮތީ ތައްޔާރަށް ކަން މްލަޑަނޯފް ވަނީ ފާހަގަ ކުރައްވާފައެވެ.