ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 84 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 52 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 84 މީހުންގެ ތެރޭގައި ހިމެނެނީ، 26 ދިވެހިންނާއި 58 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 54 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،505 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 52 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،524 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 937 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 37 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 307 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީޙުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައިވަނީ ޕޮސިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވާ އިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 22 ރަށެއްގައެވެ. އަދި 24 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 26 ފަތުރުވެރިންނާއި 82 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.