ހަލުވި ކަމާއެކު ފެތުރެމުން ދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރު ވަމުން ދަނީ ނަމަ، މިހާރު ތަންފީޒު ކުރަމުންދާ މޫވްމަންޓް ކޮންޓްރޯލް އޯޑަރު (ސީއެމްސީއޯ)ގެ މުހުލަތު، ދަންމާލަން ޖެހިދާނެ ކަމަށް އެގައުމުން އިންޒާރު ކޮށްފިއެވެ.

މި ފަހަކަށް އައިސް ރެކޯޑް އަދަދުތަކުން ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ މެލޭޝިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު، ޑރ ނޫރު ހިޝާމް ޢަބްދުﷲ ވިދާޅުވީ، ސެލަންގޯ، ކުއާލަލަމްޕޫރު އަދި ޕުޓްރަޖާޔާގައި ކޭސްތައް އިތުރު ވާ ނަމަ، އަދިވެސް އިތުރަށް ސީއެމްސީއޯ ދަންމާލަން ޖެހިދާނެ ކަމަށެވެ.

މި ސަރަހައްދު ތަކަކީ މިހާރު ވެސް މޫވްމަންޓް ކޮންޓްރޯލް އޯޑަރު ތަންފީޒު ކުރަމުން ދާ ސަރަހައްދު ތަކެކެވެ. މިހާރު ތަންފީޒު ކުރަމުންދާ މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ ސުންގަޑި، މިމަހުގެ 28 ވަނަ ދުވަހަށް ހަމަވާއިރު، ސަލަންގޯ ސަރަހައްދުގައި، ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މި އަމަރު ދަންމާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ 3 ވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައި ވާ މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު، މެލޭޝިއާ ގަޑިއިން ރޭ އިރުއޮއްސި 06:00ގެ ނިޔަލަށް އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ޖުމުލަ އަދަދު ވަނީ 25742 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 8966 ކޭހެއް ރެކޯޑް ކޮށްފައި ވާއިރު، މީގެ ތެރޭގައި އިއްޔެ އަލަށް ރިޕޯޓްކުރި 1228 ކޭސްވެސް ހިމެނެއެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 92 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، 31 މީހަކަށް ނޭވާލުމަށް އިތުރު އެހީ ބޭނުންވެއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، މެލޭޝިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 221 އަށް އަރާފައެވެ.