ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވެފައިވާ ދަނޑުވަޅުގައި އދ ގެ މުހިންމުކަން އިތުރަށް އިހްސާސްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓްރު ޝާހިދު ދެއްވި މެސެޖްގައި ވިދާޅުވީ، ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑުވަޅުގައި އދ ގެ މުހިންމުކަން އިތުރަށް އިހްސާސްވެލައްވާ ކަމަށާއި ދިވެހިރާއްޖެއަކީ އަބަދުވެސް އދ ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ، ބައިނަލްއަގުވާމީ ސުލްހަޔާ، އިގްތިސޯދީ ކުރިއެރުމަށާ ދެމެހެއްޓެނިވި ތަރައްގީއަށް ގޮވާލާ ގައުމެއް ކަމަށެވެ.
އެގޮތުން 1965 ވަނަ އަހަރު އދ ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ދިވެހިރާއްޖެ ދެމިއޮތީ އދ ގެ ތެދުވެރި އަދި އިހްލާސްތެރި ބައިވެރިއެއްގެ ގޮތުގައިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ގައުމެއްކަމުގައި ވިޔަސް އދ ގައި ދިވެހިރާއްޖެއިން ދައްކުވައިދެނީ، ބައިނަލްއަގުވާމީ ފެންވަރެއްގައި އެހެނިހެން ގައުމުތަކާ އެއްހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން ކަމަށާ މިހާތަނަށް އދ ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންކަމަކީ ކުޑަ ގައުމުތަކަކީ ވެސް އދ ގެ މުހިންމު ބައިވެރިންތަކެއްކަން ދައްކުވައިދީފައިވާ ކަންކަމަށްވެސް މިނިސްޓާގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު، އދ ގެ ހަގީގީ ރޫހުގައި ތިބެ، ފަހި މުސްތަގްބަލަކަށް ކުރިއަށް ދިޔުމަށްޓަކައި ޔަގީންކަން އެ ޖަމުއިއްޔާގައި އޮތް ކަމަށާއި ބައިނަލްއަގްވާމީ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް އެންމެން ގުޅުވައިދީ، އެކަކު އަނެކަކަށް އިހްތިރާމާއި ގަދަރާއެކު އެދޭ މުސްތަގްބަލަށް ވާސިލްވުމަށް އދ އިން ކަށަވަރުކޮށްދޭ ކަމަށްވެސް މިިނިސްޓާގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.