ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް އެޗްޕީއޭ އާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އެންޓި ބޮޑީ ޓެސްޓު ހެދުމަށް ނިންމައިފިއެވެ.
އެމްއެންޔޫއިން ބުނީ މާދަމާ އިން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޔޫ ސެންޓްރަލް އަދި ފެސިލިޓީ އޮފް ހެލްތު ސައިންސްގައި އެންޓިބޮޑީ ޓެސްޓު ކުރިއަށްދާނެ ކަމަށެވެ. އަދި ޓެސްޓު ހަދާނީ ހަވީރު 04:00 އިން ރޭގަނޑު 07:00 ގައި ކަމަށާއި މީހުން ޓެސްޓު ކުރާނީ ރެމްޑަމްކޮށް ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
މީގެ ކުރިން މާލެ ސަރަހައްދުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވަނީ އެންޓި ބޮޑީ ޓެސްޓު ހަދާފައެވެ. އޭގެ އިތުރުން އެންޓިބޮޑީ ޓެސްޓުކޮށްގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ބަލާފައެވެ. އެގޮތުން އޭރުގެ ނަތީޖާ ތަކުން ދައްކަނީ ޓެސްޓުކުރި މީހުންގެ 75 ޕަސަންޓް މީހުންނަށް ބަލި ޖެހި ރަނގަޅުވެފައިވާ ކަމަށެވެ.
ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.
ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓް އަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.