ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ ސިއްހީ ނުރައްކާތަކުގެ ވާހަކައަކީ ތާއަބަދުމެހެން އިވޭ ވާހަކަތަކެކެވެ. ވައި ތަގައްޔަރުވުމުގެ ސަބަބުން، އިންސާނުން ދިރިހުންނަ އެވަރޭޖު އުމުރު ކުރުވަމުން އަންނަ ވާހަކައަކީ މީގެ ކުރިންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ކަން މިހެން އޮތްއިރު، ފަހުގެ ހޯދުންތައް ދިނީ އަދި މާ ބިރުވެރި މެސެޖެކެވެ. ވައި ނުސާފު ވުމަކީ، އަލަށް އުފަންވާ ކުދިންގެ ފުރާނައަށްވެސް އިންތިހާއަށް ނުރައްކާ ކުރުވާ ކަމެއްކަން މިއަދު މި ވަނީ ގަބޫލު ކުރަންޖެހިފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއަކަށް ބަލާއިރު، ވައި ނުސާފުވުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 476000 އަށް ވުރެ ގިނަ ކުދިންގެ ފުރާނަ ވަނީ، (2019 ވަނަ އަހަރު) ޅަފަތުގައި ގެއްލިފައެވެ.
ވައި ނުސާފުވުމުގެ މައްސަލައިގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ކައްކަން ބޭނުން ކުރާ ހަކަތައިގެ ބާވަތްތަކުގައި ކަމަށާ، ވައި ނުސާފުވުމުގެ ސަބަބުން ޅަފަތުގައި ފުރާނަ ގެއްލިދިއުމުގެ ހިތްދަތި ތަކުލީފު އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އިންޑިއާއާއި ސަބް-ސަހާރަން އެފްރިކާ ސަރަހައްދަށް ކަމަށްވެސް މި ދިރާސާ ބުނެއެވެ.
ސްޓޭޓް އޮފް ގްލޯބަލް އެއާ 2020 ގެ ނަމުގައި އާންމު ކޮށްފައިވާ ރިޕޯޓް ބުނާ ގޮތުގައި، އުފަންވި ފުރަތަމަ މަހު އިންޑިއާއިން 116000 ތުއްތު ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ސަބް-ސަހާރަން އެފްރިކާ ސަރަހައްދުން މަރުވި ކުދިންގެ އަދަދު 236000 އަށް އަރައެވެ.
މި ދިރާސާއަށް އަންދާޒާ ތަފާސް ހިސާބުތައް ފޯރުކޮށްދީފައި ވަނީ އެމެރިކާގައި ހިންގާ ހެލްތް އިފެކްޓްސް އިންސްޓިޓިއުޓްއާއި އިންސްޓިޓިއުޓް ފޮ ހެލްތް މެޓްރިކްސް އެންޑް އިވަލުއޭޝަންގެ ގްލޯބަލް ބާޑަން އޮފް ޑިޒީޒް ޕްރޮޖެކްޓުންނެވެ.
މާބަނޑު ދުވަސްވަރު ތަގައްޔަރު ވެފައިވާ ވަޔަށް މައި މީހާ ހުށަހެޅުމުގެ ސަބަބުން، ދުވަސް ނުފުރާ ވިހެއުމުގެ އިތުރުން، ވިހާއިރު ހުންނަންޖެހޭ ބަރުދަން ހަމަ ނުވާހާ "ކުދި" ކުދިން އުފަންވާކަން ފާހަގަކުރެވޭ ކަމަށްވެސް ދިރާސާގެ މުސަނިއްފުން ވިދާޅުވެއެވެ.
ހެލްތް އިފެކްޓްސް އިންސްޓިޓިއުޓްގެ ރައީސް ޑޭން ގްރީންބޯމް ވިދާޅުވީ، އަލަށް އުފަންވާ ކުދިންގެ ސިއްހަތަކީ ކޮންމެ މުޖުތަމައެއްގެވެސް މުސްތަގުބަލަށް އިންތިހާއަށް މުހިންމު ކަމެއް ކަމަށެވެ. ގޭތެރޭގެ މާހައުލުގައި ކެއްކުމުގެ މަސައްކަތުގައި ބޭނުން ކުރާ ހަކަތައިގެ ބާވަތްތަކަށް އިސްލާހީ ބަދަލެއް ގެނައުމުގެ މަރުހަލާގެ ދުވެލި ލަސް ނަމަވެސް، މިއީ ޅަފަތުގައި ކުދިން މަރުވާން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
2019 ވަނަ އަހަރަށް ޖުމުލަ ގޮތެއްގައި ބަލާއިރު، ވައި ތަގައްޔަރުވުމުގެ ސަބަބުން އެ އަހަރު އެކަނި ވެސް 6.7 މިލިއަން މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއީ ލޭ މައްޗަށް ދިއުމާ، ދުފަންތުގެ އިސްތިއުމާލު ކުރުމާ، ހަކުރު ބަލީގެ ނުރައްކާތަކަށް ފަހު އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލި "ގާތިލު"ގެ ގޮތުގައިވެސް ސިފަކުރެވިދާނެއެވެ.
މި ހިނގާ 2020 ވަނަ އަހަރަކީ އެތައް ގޮތަކުން ތަފާތު އަހަރެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، ބޮޑެތި އިގުތިސޯދުތައް މަޑުޖެހުމަކަށް ދިއުމާއެކު، ބައެއް ގައުމުތަކަށް ފުރަތަމަ ފަހަރަށް، ނޫ-ސާފު އުޑުދަށެއްގައި ދިރިއުޅުމުގެ އިހުސާސް ތާޖުރިބާ ކުރުމަށް ވަނީ ފުރުސަތު ލިބިފައެވެ.