ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ" ފަޅުން ނަގަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހަވާލުކުރި ޕާކަވަން ކުންފުންޏަށް އެ ބޯޓު ނެގުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ނުލިބި އޮތް މައްސަލައިގައި ބަދަލެއްގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހިއްޖެއެވެ.

"އެމްވީ ސީ ހޯމް ސެފަޔާ" އަކީ ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓެކެވެ. މިއީ އެ ފަޅުގައި އަޅަފައި އޮތް ބޯޓަކަސް ވެރިއަކު ނެތް ބޯޓެކެވެ.

ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ ބޯޓު ނަގަން ހަވާލު ކުރި އިރު އެ ކުންފުނި ރަޖިސްޓްރީ ކުރިތާ ވީ 1 ދުވަސްކަން ވަނީ އެނގިފައެވެ. އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީއެވެ.

ޕާކްވަންއާ އެކު ޖީއެމްއައިޒެޑްއެލްއިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމައެވެ. އެއީ، ގްރޭޓަ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅެނީ 708،511 ޑޮލަރެއެވެ. މި ފައިސާ ދައްކަން ގްރޭޓާ މާލެއަށް އެންގީ ފަސް ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގައި ފައިސާ ނުދިނުމުން ސިވިލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.

އެ ދައުވާގެ ޝަރީއަތް މިދިޔަ ބުދަދުވަހު ސިވިލް ކޯޓުން ނިންމީ ޕާކަވަންއާ އެއްކޮޅަށެވެ. އެކަމަކު ބަދަލުގެ ގޮތުގައި ނަގައިދޭން ސިވިލް ކޯޓުން ހުކުމްކުރީ އެ ކުންފުނިން އެދުނު ވަރަށް ވުރެ ކުޑަ ތަންކޮޅެއް މަދު އަދަދެކެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމްގައި، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ޕާކަވަން އަށް ދައްކަން އަަންގާފައި އޮތީ 597,800 ޑޮލަރެވެ. އެއީ 9.2 މިލިޔަން ރުފިޔާއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި އޮތީ ބާދަނގަނޑުގެ ގޮތުގައި ބޯޓު ވިއްކައިލެވުނު ނަމަ އެކުންފުންޏަށް 597,800 އެމެރިކާ ޑޮލަރު ލިބެން އޮތްކަން ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުން ސާބިތުވާ ކަމަށެވެ. ޖީއެމްއެލްޒެޑުން ޕާކަވަންއާ ބޯޓް ހަވާލުކުރީ އެކަމުގެ އިޚުތިޔާރު ނެތިކަން، ވެސް ލިޔެކިއުންތަކުން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.