ޕާކިސްތާނަށް ދަތުރުކުރުމަށް އެދި ވިސާހޯދަން އުޅުމުގެ ތެރޭގައި ހިނގި ފިތިބާރުވުމުގެ ހާދިސާއެއްގައި އަފްގާނިސްތާނުން 15 މީހަކު މަރުވެއްޖެއެވެ.

އަފްގާނިސްތާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އަންހެނުންތަކެކެވެ.

އޮފިޝަލަކު ވިދާޅުވީ ހާދިސާ ހިނގާފައިވަނީ ޕާކިސްތާނަށް ދަތުރުކުރުމަށް ވިސާއަށް އެދި ހުށަހެޅުމަށް އެތައް ހާސް ބަޔަކު ޖަމާވުމުގެ ސަބަބުން ކަމަށެވެ. އޮފިޝަލު ވިދާޅުވީ، ފިތިބާރުވުމުގެ ހާދިސާ ހިނގީ، ކޮންސިއުލޭޓް އޮފިޝަލުންގެ އަތުން ވިސާ ދޫކުރާ ޓޯކަން ހޯދުމުގެ ތެރޭގައި ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ވިސާގެ ހިދުމަތް މެދުކަނޑާލި ގޮތަށް، އަފްގާނިސްތާނުން ވިސާގެ ހިދުމަތް އަލުން ދޭން ފަށާފައި މިވަނީ 7 މަސް ދުވަހަށް ފަހުގައެވެ.

7 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ވިސާ ދޫކުރަން ފަށާއިރު ގިނަ އަދަދެއްގެ ބަޔަކު ޖަމާވާނެ ކަމަށް ބަލާ، އާންމުކޮށް ވިސާ ދޫކުރާ މަރުކަޒުގެ ބަދަލުގައި، ޖަލާލް އަބާދުގެ ސްޓޭޑިއަމްއަކުން ވިސާގެ ކަންކަން ހަމަޖެހޭނެ އިންތިޒާމުވެސް އޮތީ ހަމަޖައްސާފައެވެ. ނަމަވެސް، އެވަރުންވެސް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ، ފިތިބާރުވުމުގެ ހާދިސާ ހިނގީކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އަފްގާނިސްތާނުގައި އާންމު އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، ހިދުމަތްތަކަށް އެދި ސަފު ހަދަނީ ދެ ޖިންސު ވަކިންނެވެ.

މިއަދުގެ ހާދިސާގައި އިތުރު ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާ ކަމަށްވެސް ބެލެވެއެވެ.

އާއިލާގެ މެމްބަރުންނަށް ޒިޔާރަތް ކުރުމުގެ އިތުރުން، ސިއްހީ ފަރުވާއާއި ވަޒީފާ ހޯދުމުގެ އިތުރުން، ދިގުލާ ގޮސްފައިވާ ހަނގުރާމަގަނޑުން ސަލާމަތްވުމަށް ކޮންމެ އަހަރަކުވެސް އަފްގާނިސްތާނުން ގިނަ އަދަދެއްގެ ބަޔަކު، ޕާކިސްތާނަށް ދަތުރު ކުރެއެވެ.