ކޮވިޑް-19 އާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓްގައިި ފާހަގަ ކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން އަނެއްކާވެސް ރައްޔިތުން މަޖިލީހުގެ ސުލޫކު އަދި އިމްތިޔާޒް ކޮމިޓީއަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހާޒިރުކުރުމަށް އެޖެންޑާކޮށްފިއެވެ.

މިނިސްޓަރު އަމީން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައި ވަނީ މިއަދު މެންދުރު 12:00 ގައެވެ.

އަމީން ހާޒިރުކުރުމަށް ކޮމިޓީން ނިންމީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށެވެ. ސުލޫކު ކޮމިޓީއަށް މިނިސްޓަރ ހާޒިރުކުރާއިރު، ހަމަ އެ މައްސަލައާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކުރެވުނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއެވެ.

އެއީ ހެލްތް މިނިސްތަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ.

ނަމަވެސް މިއަދު ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގއި އެއްވެސް މީހަކަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށާއި އެހެން ކަމުން އެއްވެސް މީހަކަށް ދައުމާ ނުކުރުމަށް ނިންމާފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން، އޮގަސްޓް މަހުގެ 17ވަނަ ދުވަހުން ފެށިގެން އަމީން ހުންނެވީ ވަޒީރުގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވެ.

ޕީޖީން އެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރުމަށް ނިންމާފައި ވާއިރު، އޭސީސީން ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކުރުމުގެ މަސައްކަތް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައި ވާކަމަށެވެ.