މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އިސްކޮށް ހުންނަވާ ވަކީލު އަދި ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ސާއިބު އުރައިގާތު އަވަހާރަވެއްޖެ ކަމަށް ބުނެ، ރޭގެ ވަގުތެއްގައި ފެތުރުނު ޚަބަރުތައް، ފަލަސްތީނުގެ ދައުލަތުގެ މީޑިއާއިން ދޮގުކޮށްފިއެވެ.

މީގެ 11 ވަރަކަށް ދުވަސް ކުރިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ އުރައިގާތުގެ ސިއްހީހާލު ދެރަވެ، އިސްރާއީލުގެ ހަދާސާ މެޑިކަލް ސެންޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވާއިރު، އޭނާ މަރުވެއްޖެ ކަމަށް ބުނެ މީޑިއާގައި ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފަލަސްތީނުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އުރައިގާތު އަވަހާރަވެއްޖެ ކަމަށް ބުނެ އަޝްރާގު ޓެލެވިޜަންއިން ކުރި ޓްވީޓްވެސް މިހާރު ވަނީ ޑިލީޓް ކޮށްފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވް ވުމުގެ ކުރިންވެސް ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރި އުރައިގާތު މިހާރު އޮތީ ވަރަށް ކުރިޓިކަލް ފައްތަރެއްގައި ކަމަށް އޭނާގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ.

އުރައިގާތުގެ ދަރިފުޅު، ޢަލީ އުރައިގާތާ ހަވާލާދީ އަލް-އަރަބިއްޔާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އުރައިގާތުގެ ހާލު ކުރިޓިކަލް ނަމަވެސް، ސްޓޭބަލްއެވެ. އަދި އުރައިގާތުގެ ސިއްހީ ހާލަތާ ގުޅިގެން ފަތުރަމުންދާ ދޮގު ޚަބަރުތަކުގެ ސަބަބުން ދަރިފުޅުގެ ހިތްހަމަ ނުޖެހުންތަކެއް ހުރި ކަންވެސް އަރަބި މީޑިއާއިން ފާހަގަކުރެއެވެ.

ގުދުސްގައި ހުންނަ އިސްރާއީލުގެ ހަދާސާ މެޑިކަލް ސެންޓަރުގައި އުރާގަތަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާ، އޭނާ ވެންޓިލޭޓަރަށް ލާފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް އެ ފެސިލިޓީގެ ތަރުޖަމާނަކު ވަނީ ހާމަ ކުރައްވާފައެވެ.

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އެންމެ ހަރު އަޑުން ވަކާލާތު ކުރައްވަމުން ގެންދަވާ އުރައިގާތަކީ، ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާއި ފަލަސްތީނު އުފެދުމަށް ބާރު އަޅުއްވާ، ވަރުގަދަ، ސިޔާސީ ޝަހްސެކެވެ.