ރައީސް ކަމުގައި ހުންނަވަނިކޮށް ބޭރު ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު އެދިވަޑައިގަތް ގޮތަށް އެމަނިކުފާނު ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީސް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ހަތްދިހަ ހަތްވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވިދާޅުވީ، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ރާއްޖޭގެ ވެރިކަން ކުރެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގަތް ކަމަށާއި އެ ދުވަސްވަރަކީ ބޭރުގެ ވަރަށް ގިނަ ނުފޫޒު ރާއްޖެއަށް އަންނަމުން ދިޔަ ދުވަސްވަރެއް ކަމަށެވެ.
އެގޮތުން ވެރިކަމުގައި ހުންނެވި އިރު ބޭރު ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު ވަނީ އޭނާއާއެކު ޓީވީއަށް ވަޑައިގެން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައި ކަމަށް ވަހީދު ވިދާޅުވިއެވެ. މިއީ ދުވަހަކު ވެސް އެއްވެސް ގައުމެއްގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށާއި މި ވަރުގެ ދަށު ދަރަޖައިގެ އަމަލެއް އެއްވެސް ގައުމަކުން އަނެއް ގައުމާ ދޭތެރޭގައި ނުކުރާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި އެ ދުވަހު އިސްތިއުފާ ދެއްވިނަމަ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސް ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
އެ ނުފޫޒުތައް ހައްދުން ނައްޓައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ވެސް ނުފޫޒު ފޯރުވަން ބޭރުގެ ފަރާތްތަކަކުން މަސައްކަތް ކުރެއްވި ކަމަށް ރައީސް ވަހީދު ވަނީ ތުހުމަތު ކުރައްވާފައެވެ. އެއަށް ފަހު ރައީސް ކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ހާލަތުން ގައުމު ސަލާމަތްކޮށް ބޭރުގެ ނުފޫޒުތައް ހުއްޓުވާލެއްވީ އެމަނިކުފާނު ކަމަށް ވަހީދު ވިދާޅުވިއެވެ.
އެ ނުފޫޒުތައް ހުއްޓުވާ ލެއްވުމުގައި ރައީސް ޔަމީން މަސައްކަތް ކުރެއްވި ކަމަށާއި ބޭރުގެ ބައެއް ގައުމުތަކުން ރައީސް ޔާމީނަށް ވަރަށް ނަފްރަތު ކުރި ކަމަށް ވަހީދު ވިދާޅުވިއެވެ. އެކަން އެހެން ވާން ޖެހެނީ އެމީހުންގެ ބާރު، އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގައި ނުހިންގުނީމައި ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވިއެވެ.