ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފައިވާއިރު، މި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ އާއި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާގުޅޭ ހާއްސަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުއާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޡަމުގެ އިމާމު ނަސްރުﷲ އަލީއެވެ.

މި އިހުތިފާލުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެ ވަޑައިގެންފައިވާއިރު، މިއަދު ހެނދުނު 10:00 ގައި އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.