ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކްރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ދުނިޔޭގައި ފުރަތަމަ ފަހަރަށް ތަރައްގީ ކޮށް ރަޖިސްޓްރީކުރި ވެކްސިނެއްގެ ގޮތުގައި ރަޝިއާއިން ޕްރޮމޯޓް ކުރަމުން އަންނަ "ސްޕަޓްނިކް-5" ގެ ނަން ދީފައިވާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް، އަވަށްޓެރި އިންޑިއާގައި ކުރިއަށް ގެންދިއުމަށް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ފެހި ސިގުނަލް ދީފިއެވެ.
ރަޝިއާއިން ތަރައްގީ ކޮށްފައިވާ "ސްޕަޓްނިކް-5"ގެ 2 ވަނަ އަދި 3 ވަނަ މަރުހަލާގެ ކުލިނިކަލް ޓްރަޔަލްތައް އިންޑިއާގައި ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް (ޑީސީޖީއައި) އިން ހުއްދަ ދީފައި ވަނީ، އިންޑިއާގައި މަރުކަޒު ކޮށްގެން އޮޕަރޭޓް ކުރާ ބައިނަލްއަގުވާމީ ފާމަސޫޓިކަލް ކުންފުނި – ޑރ ރެޑީޒް އަށެވެ.
"ސްޕަޓްނިކް-5"ގެ ކުލިނިކަލް ޓްރަޔަލްތައް އިންޑިއާގައި ކުރިއަށް ގެންދިއުމަށް، ރަޝިއާގެ ޑައިރެކްޓް އިންވެސްޓްމަންޑް ފަންޑްއާއިއެކު ޑރ ރެޑީޒްއިން އެއްބަސްވުން އެކުލަވާލީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
މި ވެކްސިންއާ ގުޅޭ ކުލިނިކަލް ޓްރަޔަލްތައް އިންޑިއާގައި ކުރިއަށް ގެންދިއުމަށް ޑީސީޖީއައިއިން ފެހި ސިގުނަލް ދިނުމާއެކު، "ސްޕަޓްނިކް-5"ގެ 100 މިލިއަން ޑޯޒް، އިންޑިއާއަށް ލިބޭނެ ކަމަށް، ޑރ ރެޑީޒް ލެބޯޓްރީޒްގެ ކޯ-ޗެއާމަން އަދި މެނޭޖިންގް ޑައިރެކްޓަރު ޖީވީ ޕްރަސާދު ވަނީ ހާމަ ކުރައްވާފައެވެ.
މި ޑޯޒްތައް އިންޑިއާއާއި ހިސާބަށް ފޯރާނީ މި އަހަރުގެ ފަހުކޮޅު ކަމަށް ލަފާ ކުރެވެއެވެ. ކޮވިޑް-19އަށް ތަރައްގީ ކުރަމުންދާ ވެކްސިންތައް އެއް ތަނުން އަނެއް އުފުލުމަކީވެސް ބޮޑު ގޮންޖެހުމަކާ ހުރަސްތަކެއް ގިރާ ކުރަންޖެހޭ، ތަކުލީފާއި ޒިންމާ ބޮޑު މަޝްރޫއެކެވެ.
ރަޝިއާއިން ތަރައްގީ ކޮށްފައިވާ "ސްޕަޓްނިކް-5" އަކީ ކޮވިޑް-19ގެ ވެކްސިން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އަދި ކަނޑައަޅާފައެއް ނުވެއެވެ.