އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެމްޕިއަންސް ލިވަޕޫލާ އެވަޓަން ބައްދަލުކުރި ވާދަވެރި މެޗު 2-2 އަކުން އެއްވަރު ވެއްޖެއެވެ.
މެޗުގެ 3 ވަނަ މިނެޓްގައި ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ ލިވަޕޫލުންނެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހުނަރުވެރި ފޯވަޑް ސާޑިއޯ މާނޭއެވެ. މިއީ ކޮވިޑް-19 އަށް ޕޮސިޓިވެ އައިސޮލޭޝަންގައި ހުރުމަށް ފަހު މާނޭ ލިވަޕޫލަށް ކުޅުނު ފުރަތަމަ މެޗެވެ.
ދެވަނަ ހާފް ނިމުމުގެ ކުރިން އެވަޓަންއަށް ލިބުނު ކޯނަރަކުން އެޓީމުން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ޑިފެންޑަރު ކީންއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލަށް ގިނަ ފުރުސަތުތަކެއް ލިބުނު އިރު މެޗުގެ 72 ވަނަ މިނެޓްގައި ސްކޯ 2-1 އަކަށް ހަދާ ދިނީ ލިވަޕޫލްގެ މިސްރު ފޯވަޑް މުޙައްމަދު ސަލާހެވެ.
ސަލާހްގެ ލަނޑުން 2-1 އަކުން ލިވަޕޫލް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް މިސީޒަންގައި އެންމެ ފޯމްގައި ހުރި އެއް ފޯވަޑް ޑޮމިނިކް ކެލްވިޓް ލުވީން ވަނީ ބޮލުން ޖަހާ ލަނޑެއް ކާމިޔާބުކޮށް 2-2 އަކަށް ސްކޯ ހަދާފައެވެ.
އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފުރަތަމަ މިނެޓްގައި އެވަޓަންގެ ރިކާލްސަން ލިވަޕޫލްގެ ތިއާގޯއަށް ކުރި ނުރައްކާތެރި ފައުލަށް ރިކާލްސަން އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
އެއާއެކު ވަގުތުން ލިވަޕޫލުން ލަނޑެއް ޖަހާ މެޗުގެ ސްކޯ 3-2 އަކަށް ހެދިއެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ ވީއޭއާރުން ވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި ނިންމާފައެވެ.
މެޗުން އެއްވަރުވުމާއެކު އެވަޓަން ވަނީ ފަސް މެޗު ކުޅެ 13 ޕޮއިންޓް ހޯދާ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެންމެ ފަހުން ކުޅުނު މެޗުން 7-2 އަކުން ބަލިވި ލިވަޕޫލް އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.