ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޝާހު ސަސްޕެންޑްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން މާލިއްޔަތު ގަވާއިދާ ހިލާފުވި މައްސަލައާ ގުޅިގެންނެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި 11 ފަރާތެއްގެ މައްޗަަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އެ ނަންތަކުގެ ތެރޭގައި ޝާހުގެ ނަން ހިމަނާފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ ޝާހުގެ ސަސްޕެންޝަން އުވާލާފައިވާކަން އޭނާއަށް އަންގާފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ނުކުންނަވާ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމަށް ދަންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭސީސީން މައްސަލަ ނިންމި ގޮތް އަންގާފައިވާ ލިޔުން އިއްޔެ ޝާހުއަށް ހަވާލުކޮށްފައިވާއިރު، އެލިޔުމުގައި ވަނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމުމުގައި ރިއާޔަތްކޮށްފައިވާ ސަބަބުތައް ކަމަށް މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުންތަކުގައިވާ ސަބަބުތަކަކީ އެހާލަތަށް އެކަށީގެންވާ ސަބަބުތަކެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށެވެ.

އޭގެ އިތުރުން، އެއްބަސްވުންތަކުގައި ސޮއިކުރިއިރު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިނުވި ނަމަވެސް، މުއްދަތު އިތުރުކުރުމަށް ނިންމިއިރު ދިވެހިރާއްޖޭގެ ބޯޑަރުވަނީ ބަންދުކޮށްފައިކަމާއި، ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮކިއުމެންޓްތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދީފައިވާކަން ތަހުގީގަށް ފާހަގަވާ ކަމަށެވެ.

އެހެންކަމުން، އޭސީސީން ފޮނުވި ލިޔުމުގައި ވަނީ ޝާހުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކަނޑައަޅާ ކަމަށެވެ.