ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން 7 މަހެއްހާ ދުވަހަށް ސިނަމާތައް ބަންދުކޮށްފައި އޮތް އޮތުމަށް، އަވަށްޓެރި އިންޑިއާއިން ނިމުން ގެނެސް، ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާތާ ގުޅިފައިވާ ފިލްމު ތިއޭޓަރުތައް ހުޅުވައިފިއެވެ.

އިންޑިއާގެ ސިނަމާތަށް ފަޅަށް އޮންނަތާ އެތައް މަހެއް ފަހުން މިއަދު ސިނަމާތައް ހުޅުވިއިރު، މިއީ ފާއިތުވީ 11 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގައި އެންމެ މަދުން، ކޮވިޑް-19ގެ މަރުގެ ކޭސް ރެކޯޑް ކުރި ދުވަސް ކަން ވެސް ފާހަގަކުރަންޖެހެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރެކޯޑް ކޮށްފައިވަނީ 680 ކޭހެކެވެ. މިއާއެކު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 111266 އަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ކޮވިޑް-19 ޖެހުނު ކަމަށް ރެކޯޑް ކޮށްފައިވަނީ 67708 ޕޭޝަންޓެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް މުޅިން ނިމުމެއް ނައިސް އުޅެނިކޮށް އިންޑިއާއިން ސިނަމާތައް ހުޅުވާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކުގައެވެ. އެގޮތުން، ސީޓުތައްވެސް މިހާރު ޖަހާފައި ހުންނަނީ ވަކިވަކީން ކަން ފާހަގަކުރަންޖެހެއެވެ. ޝޯތަކަށް ސިނަމާ ހުޅުވާ ވަގުތު މަދު ކުރުމުގެ އިތުރުން، ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް މާލީ މުއާމަލާތް ހިންގަން ބާރު އަޅައެވެ. ސިނަމާގައި އަބަދުވެސް މާސްކު ބޭނުން ކުރަންޖެހެއެވެ. އަދި ސިނަމާއަށް ވައްދަނީވެސް ހަށިގަނޑު ފިނިހޫނުމިން މޮނިޓާ ކުރުމަށް ފަހުގައެވެ.