މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވި ކަން އިއުލާން ކުރެއްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ 14 އަހަރުގެ ދަރިކަލުން، ބެރޮން ޓްރަމްޕްވެސް މި ބައްޔަށް ޕޮޒިޓިވްވެފައި ވާކަމަށް، ފަސްޓް ލޭޑީ މްލޭނިއާ ޓްރަމްޕް ހާމަ ކުރައްވައިފިއެވެ.

މްލޭނިއާ ވިދާޅުވީ އޭނާ އެންމެ ބިރުގަތް ދުވަސް އަތުވެއްޖެ ކަމަށާ، ބެރޮންވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. ނަމަވެސް ބެރޮންގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަމުން ނުދާ ކަމަށާ، މިހާރު އެ ބަލިން އޭނާ ރަނގަޅުވެސް ވެފައި ވާކަމަށެވެ. އެގޮތުން ބެރޮންގެ ކޮވިޑް-19ގެ ޓެސްޓު މިހާރު ދައްކަނީ ނެގެޓިވް ކޮށް ކަމަށްވެ މްލޭނިއާ ވަނީ ހާމަކުރައްވާފައެވެ.

ކަން މިހެން އޮތްއިރު، ޓްރަމްޕް ވިދާޅުވަނީ މިއީވެސް ވީ އެންމެ އަވަހަކަށް އެމެރިކާގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާ ދޭން ފަށަން ޖެހޭ ސަބަބެއް ކަމަށެވެ. ނަމަވެސް، މިފަދަ ވަގުތެއްގައި ސްކޫލްތައް ހުޅުވުމަށް ސްކޫލްތަކުގެ މުވައްޒަފުންނާ، އިއްތިހާދުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.

ކޮވިޑް-19އަކީ ސީރިއަސް ބައްޔެއް ނޫން ކަމަށް ވިދާޅުވެ ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑަރުންގެ ތެރޭގައި ޓްރަމްޕް ހިމެނިވަޑައިގަންނަވާއިރު، ދުނިޔޭގެ ނިސްބަތުން މިވަގުތު އެންމެ ގިނަ އަދަދަކަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދަނީ އެމެރިކާއިން ކަން ފާހަގަ ކުރަންޖެހެއެވެ. އެމެރިކާއިން ބަލި ޖެހުނު މީހުންގެ އަދަދު 7.8 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރު ފެއިލްވެފައި ވާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ.