ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އުފައްދާ ވެކްސިންއާއި، ބައްޔަށް ސްކްރީން ކުރުމަށް ހަދާ ޓެސްޓުތަކާ، ބަލިޖެހޭ މީހުންނަށް ދޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ހާއްސަކޮށްގެން 12 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުން ފާސްކޮށްފިއެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 12 ބިލިއަން ޑޮލަރުގެ މި އެހީއަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކަނޑައަޅާފައިވާ 160 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ބައެއް ކަމަށެވެ.

މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ކޮވެކްސް ފެސިލީޓީގެ ނިޒާމުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

ވޯލްޑް ބޭންކުން ބުނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ހާއްސަކޮށްގެން މިވަރުގެ އެހީގެ ޕެކޭޖެއް އިއުލާން ކުރުމަކީ ރައްކާތެރި އަދި ކާމިޔާބު ވެކްސިނަކީ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ރައްޔިތުންނަށްވެސް ހައްގު އެއްޗެއް ކަން، ދިރާސާކުރާ ފަރާތްތަކާ ބޭސްވެރިކަމުގެ ސިނާއަތުގެ ބައިވެރިނަށް އަންގައިދިނުމަށް ދެވޭ ސިގުނަލެއް ކަމަށެވެ.

ވޯލްޑް ބޭންކު ގުރޫޕުގެ ރައީސް ޑޭވިޑް މެލްޕާސް ވިދާޅުވީ، މިއީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށްވެސް އިންސާފުން، އެއް ހަމައެއްގައި ވެކްސިން ހޯދުމަށް މަގު ތަނަވަސްކޮށްދޭނެ ފިޔަވަޅެއް ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިޖާބައަށް ހާއްސަކޮށްގެން، ވޯލްޑް ބޭންކުން މިހާރުވެސް ދަނީ 111 ގައުމަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވޯލްޑް ބޭންކުގެ ގުރޫޕުގެ ސީދާ މާލީ އެހީ ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.