ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 ރާއްޖެ އައިސް މާލެއިން ފުރަތަމަ ކޮވިޑްގެ ކޭހެއް ފެނި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދުވެސް ދުވަހެއް ދުވަހަކަށް ދައްވަމުން ދިޔައީ ފަތުރުވެރިކަމަށް އައި ލޮޅުމާ ގުޅިގެންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރި ކަމުގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ލިބޭ "ބަޖެޓް ޓްރެވަލް މާކެޓް" ނުވަތަ "ލޯކަލް ޓޫރިޒަމް" ކޮވިޑް-19އާ ގުޅިގެން މާޗް 17 ވަނަ ދުވަހުން ފެށިގެން ބަންދު ކޮށްފައި އޮތުމަށް ފަހު މިއަދު ވަނީ އަލުން ހުޅުވާލާފައެވެ. އެއާއެކު އެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި އެންމެ ފުރަތަމަ ގެސްޓްހައުސް ހުޅުވުން:

މިއަދު ރާއްޖޭގައި ޖުމްލަ 505 ގެސްޓްހައުސްގައި 4253 ކޮޓަރީގައި 8526 އެނދު އޮޕަރޭޓް ކުރަމުން ދިޔަނަމަވެސް މީގެ 10 އަހަރު ކުރިން މިއީ ދިވެހިންނަށް އާ ކަމެކެވެ. އޭރު ދިވެހިން ގަބޫލު ކުރަމުން އައީ ފަތުރުވެރި ކަމަކީ ހަމައެކަނި ރާއްޖޭގެ ރިސޯޓުތަކުގައި ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ވިސްނުން ބަދަލު ކުރަން މަޖުބޫރު ކުރީ ކ. މާފުށީގައި 2010 ވަނަ އަހަރު، އަހުމަދު ނަސީރު ހުޅުވި 4 ކޮޓަރީގެ "ވައިޓް ޝެލް" ގެސްޓްހައުސްއާ އެކުއެވެ. އަހުމަދު ނަސީރަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރުވެސް މެއެވެ.

އޭރު އެއީ މީހުން ދިރިއުޅޭ ރަށެއްގައި ކުރެވޭނެ ކަމެއް ކަމަށް އެެއްވެސް މީހަކަށް ގަބޫލު ނުކުރެވުނު ނަމަވެސް މިއަދު ސަރުކާރުންވެސް ތައްޔާރުވަމުން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށެވެ.

ގެސްޓްހައުސް ހިންގުމުގައި 10 އަހަރު ވެފައިވާ އަހުމަދު ނަސީރު "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގެސްޓްހައުސްތައް ރާއްޖޭގެ ފަތުރުވެރި ކަމަށް ތައާރަފު ވުމުގެ ކުރިން އެކަމުން ނަފާ ލިބެނީ ރިސޯޓުގެ އޯނަރުންނަށާއި އެ ތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. ނަމަވެސް ރަށްރަށުގައި ގެސްޓްހައުސް ހުޅުވުނު ފަހުން ވަޒީފާތައް އިތުރުވެ ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެން ގޮސް، އެއީ އާމްދަނީ ހޯދުމަށް ހުޅުވުނު އިތުރު ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ގެސްޓްހައުސް ތަކަށް ނަގާ ގޭގެ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ އެބަ އެއް ބަޔަކަށް، އަނެއް ބަޔަކަށް ވަޒީފާގެ ގޮތުގަ އެބަ ލިބޭ، ދެން ލޯންޗު ދުއްވުމާއި ލޯންޑްރީއާ، ފިހާރަތަކަށާއި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށާއި ދެން ގެސްޓް ހައުސް ހިންގާ މީހުންނަށްވެސް
ނަސީރު

ލޯކަލް ޓޫރިޒަމް ފުޅާވަމުން ދިޔަ ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެވެސް ވަނީ އިގްތިސޯދީ ވަޅުގަނޑަކަށް ވެއްޓިފައެވެ.

މިއަދު ހުޅުވިގެންދިޔަ ގެސްޓްހައުސްތަކާއެކު އެކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އާ ވެފައި ވާއިރު، އަމަލު ކުރަން ފަށަން ޖެހިފައި ވަނީ މުޅިން އާ އުސޫލު ތަކަކަށެވެ. މުޅިން އާ ގަވައިދު ތަކަކަށެވެ. އަމަލު ކުރަން އުނދަގޫ ނަމަވެސް ކުރަން މަޖުބޫރު ގޮތް ތަކަކަށެވެ.

ނަސީރު ވިދާޅުވީ މިއަދު ހުޅުވާލި ގެސްޓްހައުސްތަކާއެކު މިހާރު ކުރިމަތި ލާން ޖެހިފައި ވަނީ ކޮވިޑް އައުމުގެ ކުރިން ހިތަށްވެސް ނާރާ މުޅިން އާ ހަގީގަތްތަކަކާ ކަމާށެވެ. އެގޮތުން ކޮވިޑްގެ ކުރިން ނަމަ ގެސްޓުން ޖެޓީން ބޭލުމަށް ފަހު ކުރިއަށް ދާ ކަންތައް ތަކާއި މިހާރު ދެން ކުރަން ޖެހޭ ކަންތައްތަކުގެ ތަފާތު ކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ "ކޮންޓެކްޓް" ވެގެން އުޅޭ އުޅުން 3 ފޫޓުގެ ދުރުމިނަށް ބަދަލު ކުރަން މިހާރު ވަނީ މަޖުބޫރު ވެފައެވެ.

ފުރަތަމަ ކަމަކަށް ކޮންޓެކްޓް ކުޑަކުރުން، އެންމެންވެސް މާސް އެޅުން، ޓެމްޕްރޭޗާ ޗެކް ކުރުން، ޗެކިން ކުރާނީ އޮންލައިންކޮށް ފޯނުން، ރަޖިސްޓްރޭޝަން ކާޑާ އެއްޗެހި ދޭށާއި ސޮއި ކޮށް ހަދަން ނުޖެހުން، ޕާސްޕޯޓް ކޮޕީވެސް އޮންނާނެ ފޮނުވާފަ އައުމުގެ ކުރިން ، ނޫނީ އައިސް ފޮޓޯއް ނަގާފަ ފޮނުވާލާނީ ފޯނުން، ކުރީގެ އޮންނާނެ މިނީބާ ނުވަތަ ރެސްޓޯރަންޓްގެ މެނޫއެއް، މިހާރު ރޫމްގަ ނުހުންނާނެ އެ އެއްޗެއްސެއް ހުރިހާ އެއްޗެއްސެއްވެސް ހުންނާނީ ޓީވީއަށް އަރުވާފަ، އިލެކްޓްރޯނިކަލީ ހުރިހާ ކަމެއްވެސް ކޮންޓެކްޓެއް ނުވާނެ
ނަސީރު

ގެސްޓްހައުސްތައް ހުޅުވުމުގައި އަމަލު ކުރަން ޖެހޭ ތަފާތު އުސޫލާ އެކު ކުރަން ޖެހެނީވެސް އިތުރު ހަރަދެކެވެ. އެގޮތުން ކޮންމެ ދުވަހަކު ހައުސްކީޕިން މުވައްޒަފުންނަށް ހާއްސަ ޔުނީފޯމެއް ކަނޑައަޅައި ސާފް ކުރުމަށް ފަހު ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.

ގެސްޓް ހައުސްތަކުގެ އެހާރާއި މިހާރު:

ފުރަތަމަ ގެސްޓްހައުސްތައް ހުޅުވިގެން އައީ 4 ކޮޓަރީގެ ކުދި ކޮޓަރިތަކަކުން ނަމަވެސް މިއަދު އެ ތަންތަނަށް އަންނަމުން ދަނީ އާ ބަދަލު ތަކެކެވެ. އެގޮތުން ހަމައެކަނި މާފުއްޓަށް ބަލާލި ނަމަވެސް މިހާރު ސިޓީ ހޮޓާތައް ދަނީ ފެންނަމުންނެވެ.

އެންމެ ފުރަތަމަ ވައިޓްޝެލް ގެސްޓްހައުސް ހިންގަން ފެށިއިރު ފެށީ ވަރަށް ސިމްޕަލްކޮށް، ބުޓީކް ސްޓައިލަށް، ގްރައުންޑް ފްލޯގަ، ވަރަށް ނެޗުރަލް ކޮށް
ނަސީރު

މިހަރު މާފުށީގައި ތަރައްގީ ވަމުން ދަނީ 8 ފްލޯ ނުވަތަ 10 ފްލޯއިން، ކޮޓަރީގެ އަދަދު އިތުރުވާނެ ގޮތަށް ހަދަފައިވާ ހޮޓާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާފުށީގައި އެންމެ ފަހުން ހުޅުވިގެން ގޮސްފައި ވަނީ 100 ކޮޓަރިގެ ހޮޓަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރެވިދާނެތަ؟

ކައުންސިލްތަކާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވުމަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށާފައި ވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓް ގެސްޓްހައުސް، ޓްރެވަލް އެޖެންސީ ހިންގަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެން ދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަވެ. ނަމަވެސް އުފެދޭ ސުވާލަކީ މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރެވިދާނެ ކަމެއްބާއެވެ؟ އެކަމަށް ރައްޔިތުންގެ ރުހުން ލިބޭނެވާއެވެ؟

ކަންމިހެން އޮތްއިރު، މިދާއިރާގެ އިސް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރެވިދާނެ މަސައްކަތެކެވެ. ނަމަވެސް އެކަމަށް އަޅަން ޖެހޭ ފިޔަވަޅު ތަކަކާއި އަމަލު ކުރަން ޖެހޭ ގަވައިދުތަކެއް ވެއެވެ.

އއ. މަތިވެރީގެ ގެސްޓްހައުސް އެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ސޯޝަލް މީޑިއާ

އެކަމާ ގުޅިގެން ނަސީރު ވިދާޅުވީ ގެސްޓްހައުސް ނުވަތަ ލޯކަލް އައިލެންޑް ޓޫރިޒަމް އަކީ ކޮންމެ ރަށެއްގައިވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެއީ ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެކަމުން އާންމު ރައްޔިތުން، ރަށުގައި ދިރިއުޅޭ ދިރިއުޅުމަށް ބުރޫ ނާރާނެހެން ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

އާންމުންގެ ދިރިއުޅުން ގެއްލޭ ކަހަލަ ގޮތަކަށް ތަރައްގީ ނުކުރުން، އެކަމަކު މާފުށީ އަންފޯޗުނޭޓްލީ ބަދަލުވެފަ އޮތީ އެގޮތަކަށް ނޫން، މާފުށި މިހާރު އެ އޮތީ އޯވާ ޓޫރިޒަމްއޭ ބުނާ ހިސާބަށް ގޮއްސަ އަސްލު، އެއީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް އުނދަގޫވާ ލެވެލްއަށް ގޮއްސަ މިހާރު އެ އޮތީ،
ނަސީރު

ނަސީރު ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވާ އެހެން ރަށްތަކުން މާފުށިން ނަގަން ޖެހޭނެ ފިލާވަޅަކީ ލޯކަލް އައިލެންޑް ޓޫރިޒަމް ތަރައްގީ ކުރަން ޖެހޭނީ ރަށުގެ އާންމު ދިރިއުޅުމަށް އުނދަގޫ ނުވާ ގޮތަކަށް ރާވާ، ރަށްފުށުގެ ދިރިއުޅުމަށް ބަދަލު ނުގެނެސް އެ އާދަކާދަ ޓޫރިސްޓުންނަށް ފެންނާނެހެން ކަމަށެވެ.

އެކަމާ ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނީ ފަތުރުވެރިކަމަކީ ރާއްޖޭގެ އެންމެ އުތުރު ހއ އިން ފެށިގެން އެންމެ ދެކުނާ ހަމައަށްވެސް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށެވެ. ސަބަބަކީ އެއީ ފަތުރުވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ ޖަޒީރާ ރަށްރަށަށް އަންނާނެ ކުއްލި ތަރައްގީ އަކަށް ވާތީ ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ކެލާގެ މޫދުގައި ގެސްޓުންތަކެއް މޫދު ކުޅިވަރު ކުޅެނީ

އެގޮތުން ފާހަގަ ކޮށްފައި ވަނީ އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތަކަށް އަންނާނެ ތަރައްގީއާއި އާންމު އަސާސީ ހިދުމަތްތައް ކަމަށްވާ ނަރުދަމާ އާއި ފެނުގެ ހިދުމަތްތަކަށް އަންނަ ބަދަލުގެ ސަބަބުން ވެރިރަށް މާލެއާ ދުރު ރަށްރަށަށް ފައިދާ ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މީގެ އިތުރުން ގެސްޓްހައުސްގެ ސަބަބުން ފައިދާ ކުރާ މީހުންގެ ތެރޭގައި ހިންގާ މީހާ އިން ފެށިގެން އެންމެ އާދައިގެ މީހާވެސް ހިމެނޭ ކަމީ ރަށަށާއި ގައުމަށް އެކަމުން ފައިދާ ކުރާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ގޭމް އިން ބުނެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ތަސައްވަަރު:

ގެސްޓްހައުސްތައް މިއަދު ހުޅުވާލާފައި ވާއިރު އެކަމާ ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ނައިބް ރައީސް އަބްދުއްސަމީއު އިމާދް "ދަ ޕްރެސް" އަށް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ހެދި ސާވޭ އަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 80 އިންސައްތަ މީހުންނަކީ ސީދާ ޓޫރިޒަމުންނާއި ޓޫރިޒަމާ ގުޅުން ހުރި އެހެން ދާއިރާއަކަށް ދިރިއުޅުން ބައްޓަން ކުރާ ފަރާތްތައް ކަަމަށެވެ. އެ ސަވޭއިން އިތުރަށް ދެއްކި ގޮތުގައި ރާއްޖޭގެ ރައްޔިތުން ޓޫރިޒަމަށް ބަރޯސާވެފައިވާ މިންވަރަކީ، ޓޫރިޒަމުން ލިބޭ އާމްދަނީއިން ފޯނު ބިލު ދެއްކުމަށްވެސް ހަރަދު ކުރަން ޖެހިފައިވުން ކަމަށެވެ.

ގެސްޓްހައުސް ހުޅުވާލާފައި ވާއިރު ބުކިންތައް ލިބޭނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ. އެގޮތުން މާލެ ސިޓީ ފިޔަވާ އިތުރު ރަށަކުން ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައި ނުވުމާއި ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރިސޯޓުތަކަށް އެކަނި 40،840 ޓޫރިސްޓުން އައުމަކީ މިހާރު ކުރިއެރުން ލިބެމުން ދާ ކަމުގެ އެއް ހެއްކެވެ.

ފަތުރުވެރިންގެ ބަޔަކު ރާއްޖެއަށް ޒިޔާރާތް ކުރަނީ

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އެންމެ ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެނީ ނޮވެމްބަރުމަހުން ފެށިގެން ކަމަށް ވާއިރު، ރާއްޖޭގެ ރަށްތައް ފަތުރުވެރި ކަމަށް ހުޅުވާލާ ބޭރު ދުނިޔެއަށް އިސްތިހާރު ކުރެވޭނަމަ އޮކިއުޕެންސީ މަތިވެގެން ދާނެ ކަމަށް ސަމީއު ވިދާޅުވިއެވެ.

ހުޅުވާލާއިރު 10 ޕަސެންޓް އޮކިއުޕެންސީ މި އޮތީ ނަމަވެސް ހުޅުވާލުމަށްފަހު އަޅުގަނޑަށް ލަފާ ކުރެވެނީ 15 ނޫނީ 20 ޕަސެންޓަށް ހިއްލޭނެ ކަމަށް
ސަމީއު

ސަމީއު ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްރަށުގައ ގެސްޓްހައުސްތައް ހުޅުވުމަށް ވަމުންދާ ތައްޔާރީ ތަކަށް އާންމުންނާއި ވިޔަފާރިވެރިންގެ ފަރާތުން ކައުންސިލްތަކަށް އެއްބާރުލުން ދެމުން ދާ ކަމަށެވެ. އެގޮތުން އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް ފްލޫ ކްލިނިކްތައް ހެދުމާއި ކަރަންޓީން ފެސިލިޓީތައް ތައްޔާރު ކުރުން ހިމެނެއެވެ.

އެގޮތުން ގަވައިދާ އެއްގޮތަށް މިހާރު ތަން ތައްޔާރު ކޮށް ނިމި ވާން ޖެހޭ ތައްޔާރީތައްވެސް ނިމި ހުއްދަދީފައި ވަނީ ކ. ހުރާ، ކ. މާފުށި، ނ. ފޮއްދޫ، ތ. ގާދިފުށި އަދި ވ. ތިނަދޫ އާއި އއ. މަތިވެރި، ހދ. ހަނިމާދޫ، ށ. ނަރުދޫ އަދި ވ. ފުލިދޫ ހިމެނޭހެން 16 ގެސްޓްހައުސް އަކަށެވެ.

ކޮވިޑް-19އާ އެކު ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓި ރާއްޖޭގެ އިގްތިސޯދަށް މިވަރުގެ ލޮޅުމެއް އައިސްފައި ވަނީ ހަމައެކަނި ފަތުރުވެރިކަމަށް ގައުމުގެ އިގްތިސޯދު ބަރޯސާވެފައި އޮތުމުނެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމަކީވެސް ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ދެ ދާއިރާއަށް ހެދުމަށް މިހާރު ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

ކޮވިޑް-19އާށް ފަހު މިއަދު ގެސްޓްހައުސްތައް ހުޅުވާލަން ނިންމާފައިވީ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަން ޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ޓޫރިސްޓުން އަންނައިރު އެމީހުންނަށް ރަށުން ހިދުމަތްދޭ ފަރާތްތަކުން ވެސް ގައިޑްލައިންއަށް އަހުލުވެރިވެ ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން އެ ގައިޑްލައިންގައި ވަނީ ގެސްޓްހައުސްތަކުން ހިދުމަތް ދޭން ޖެހޭ ގޮތާއި އެތަން ތަނުގައި އުޅޭ މީހުން އަދި ރަށުގެ ރައްޔިތުން އަމަލުކުރަން ޖެހޭ ގޮތާއި ސިއްހީ ދާއިރާގައި ފުރިހަމަ ވެފައިވާ ކަންކަން ބަޔާން ކޮށްފައެވެ.

މިވަގުތު ރާއްޖޭގައި ހިދުމަތް ދެމުން އަންނަނީ 104 ރިސޯޓަކާއި 116 ސަފާރީ އެކެވެ. ޓްރާންސިޓް ބޭނުމަށް 35 ގެސްޓްހައުސްއަކަށް ވަނީ އެ ހުއްދަ ދީފައި ކަމަށާއި އެއީ 19360 އެނދެވެ. ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން 40،840 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެގޮތުން މިމަހުގެ ތެރޭގައި އެކަނި ވެސް 7600 ފަތުރުވެރިން އައެވެ.