ރައީސް އަބްދުﷲ ޔާމީން އަށް ކްރިމިނަލް ކޯޓުގައި އިންސާފު ނުލިބޭ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ނުފޫޒުގައި ޖޭއެސްސީ އޮތުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ދައްކަވަނީ ބުއްދި ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަަށާއި ރައީސް ޔާމީން އަށް ކްރިމިނަލް ކޯޓުގައި އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނުފޫޒުގައި ޖޭއެސްސީ އޮތުން ކަމަށް ރައީސް ދެކިވަޑައިގަންނަވާ ކަމަށެވެ.
ޖޭއެސްސީ އިން ވަނީ ފާޅުގައި ރައީސް ޔާމީންގެ ޝަކުވާތަކަށް ހުރަސްއަޅާފައި ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޖަމީލު އެހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ބޭނުންފުޅު ވަނީ ޖޭއެސްސީ ގައި އިންނަވަން ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު އެހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ މެންބަރުން ޖޭއެސްސީ އިން ރައީސް ނަޝީދު ވަކިވެވަޑައިގަތުމަށް ގޮވާލުވާ ގުޅިގެންނެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ވެސް ބޭނުން ވާނީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމަށެވެ. ސަބަބަކީ ރައީސް ޔާމީނަށް އިންސާފު ކަށަވަރު ވާނީ ވެސް ޖޭއެސްސީގައި އިންނެވުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.