އިޓަލީގެ ޔުވެންޓަސް އަށް ކުޅޭ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕޯޗުގަލްގެ ފުޓުބޯޅަ ފެޑަރޭޝަން އިން ބުނީ ރޮނާލްޑޯގެ ކިބައިން ބަލީގެ އަލާމަތްތައް ނުފެންނަ ކަމަށާ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ޕޯޗުގަލް ގެ ފުޓްބޯޅަ ފެޑަރޭޝަންއިން ބުނެފައިވަނީ ރޮނާލްޑް މިހާރު ހުރީ އައިސޮލޭޝަންގައި ކަމަށާ މި ހަފްތާގެ އާދިއްތަ ދުވަހު ފަރަންސޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބައިވެރިވެފައިވާތީ ޕޯޗުގަލްގެ ސްކޮޑްގެ އެހެން ކުޅުންތެރިން ވެސް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށެވެ.
އަދި އެހެން އެއްވެސް ކުޅުންތެރިއެއް ބައްޔަށް ޕޮޒިޓީވް ނުވާ ކަމަށް ވެސް ފުޓްބޯޅަ ފެޑްރޭޝަންއިން ބުނެއެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިމަހުގެ 17 ވަނަ ދުވަހު އިޓަލީގެ ސެރީއާގައި ޔުވެންޓަސްއާ ކްރޮޓޯނޭ ވާދަކުރާ މެޗަކަށް އޭނާއަކަށް ނޭރެނެއެވެ. އަދި މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރީޕް ސްޓޭޖްގައި ޔުވެންޓަސް ކުޅޭ ފުރަތަމަ މެޗުގައި ވެސް ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ. މިމަހުގެ 20 ވަނަ ދުވަހު އޮންނަ އެމެޗުގައި ޔުވެންޓަސް ވާދަ ކުރާނީ ޔޫކްރެއިންގެ ޑައިނަމޯ ކިއެވްއާއެވެ.
މިސީީޒަންގައި ރޮނާލޯޑް ޔުވެންޓަސްއަށް ކުޅުނު ދެމެޗުގައި ވަނީ ތިން ލަނޑު ޖަހާފައެވެ.