ޗާޓާ އޮފް ދަ ކޯލިޝަން ފޯ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ލަފާ ދެއްވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ރައީސް އޮފީހުން ބުނީ، ސީޑީއާރުއައި ގައި ބައިވެރި ވުމަށް ވަޒީރުން ލަފާ ދެއްވުމާއެކު، އެކަމުގައި ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވާ ކަަމަށެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޝްވަރާ ކުރެއްވުމަށް ފަހު ވަޒީރުންގެ ލަފައާއެކު ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމި ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި، ގައުމުތަކާއި، އދ ގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި، މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި، މާލީ އިންތިޒާމްތަކާއި، ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ޕާޓްނާޝިޕެކެވެ.

މިކޯލިޝަންގެ އަމާޒުތަކާ، ޑިޒާސްޓާ ރެޒިލިއެންޓް އިންފްރާސްޓްރަކްޗާ އަށް އިންވެސްޓް ކުރުން ފަދަ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ ގުޅިފައި ވާތީއާއި، މިޗާޓަރަކީ އިންޑިއާގެ އިސްނެގުމެއް ކަމުގައި ވާތީ، ދިވެހިރާއްޖެއިން ވާނީ މިކޯލިޝަނަށް ތާއީދުކޮށް އދ ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޗާޓަރުގެ މައިގަނޑު މަޤގުސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެވަސީލަތްތައް ތަރައްގީ ކުރުމާއި، މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ.