އިންސާނީ ހައްގުތަކުގެ ކަރާމާތަށް އުނިކަން ދޭ ދަރަޖައަށް ހައްގުތަކަށް އަރައިގަތުމުގެ ރެކޯޑް އޮންނަ ގައުމުތަކެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ސިފަ ކުރަމުން އަންނަ ޗައިނާ، ސައުދީ އަރަބިއްޔާ އަދި ރަޝިއާއިން، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ކަށަވަރު ކުރުމާ ގާތަށް މިސްރާބު ޖަހައިފިއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މިނިވަން ގުރޫޕެއް ކަމަށްވާ ޔޫއެން ވޮޗްގެ އެގްޒެކެޓިވް ޑައިރެކްޓާ ހިލޭލް ނިއުއާ ވިދާޅުވީ، "މި ޚުދުމުޚުތާރު ގައުމުތަކަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ ފަނޑިޔާރުންގެ ދަރަޖަ ދިނުމަކީ، އަލިފާން ނިވާ މީހުންގެ ވަޒީފާއަށް، ހުޅުޖަހާ ގޭންގެއް އިސް ކުރުން" ފަދަ ކަމެއް ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ޑައިރެކްޓާ ލޫއީ ޝާބޮނޭ ވިދާޅުވީ، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސިލްސިލާ ރެކޯޑް އޮތް ބަޔަކަށް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މެމްބަރެއްގެ ޝަރަފު ދީގެން ނުވާނެކަމަށެވެ.

2019 ވަނަ އަހަރުގެ ނިޔަލަށް ސައުދީ އަރަބިއްޔާއަކީ މި ކައުންސިލްގެ މެމްބަރެކެވެ. ތަޖުރިބާކާރު ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ މަރުގެ ވާހަކައިން އިތުރު ތަފްސީލެއް ބޭނުމެއް ނުވާނެއެވެ. ޗައިނާއަށް ބަލާއިރު، ވީގޫރު މުސްލިމުންނާއި، ހޮންގްކޮންގްއާއި މެދު ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒު ވަމުންނެވެ. މި 2 ގައުމަކީވެސް އަރިސް މެމްބަރުން ހިންގި ލާއިންސާނީ ޖަރީމާތައް ފޮރުވުމަށް، ކައުންސިލްގެ މެމްބަރުކަމުގެ ނާޖާއިޒު ފައިދާ ނެގި ގައުމުތަކެއް ކަމަށް ޝާބޮނޭ ވަނީ ތުހުމަތު ކުރައްވާފައެވެ.

ރަޝިއާއާއި ޔޫކްރައިންގެ ކޯޅުންތަކުގެ ވާހަކައާ، ސޫރިޔާގެ ހަނގުރާމައިގެ ރަޝިއާގެ ދައުރުގެ ވާހަކައަކީވެސް އިސްތިސްނާ ކުރެވިގެންވާނެ ވާހަކަތަކެއް ނޫނެވެ.

47 މެމްބަރުންގެ މައްޗަށް އެކުލެވޭ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 15 ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓަށް އެހުން އޮންނަނީ މިރޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. މި ގައުމުތަކަކީ، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފަށައިގެން 3 އަހަރު ދުވަހުގެ މުއްދަތަށް، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ކަށަވަރު ކުރާނެ 15 ގައުމެވެ.