ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހައްލެއްގެ ގޮތުގައި "ހާޑް އިމިއުނިޓީ" އިހުތިޔާރު ކުރުމަކީ ސުލޫކީ މިންތަކާ ހިލާފު އުސޫލެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
"ހާޑް އިމިއުނިޓީ" އަކީ، އާބާދީގެ ބޮޑު ޕަސެންޓެއް ވައިރަހަށް އިމިއުން (ދިފާއު) ވުމެވެ. މިއީ ވެކްސިން ދީގެން ނުވަތަ ވައިރަހަށް އިންފެކްޓް ވެގެން ހޯދި ދާނެ ދިފާއެކެވެ. މި ގޮތަށް އާބާދީގެ ބޮޑު ޕަސެންޓެއް ވައިރަހަށް ދިފާއުވުމުން، އެ އާބާދީއެއްގެ މެދުގައި ބަލިމަޑުކަމުގެ ހުޅުގަނޑު އިތުރަށް ފަޅައިގެން ދިޔަ ނުދީ ހިފަހައްޓާލެވޭ ފަލްސަފާއަކީ ހާޑް އިމިއުނިޓީއޭ ބުނެވިދާނެއެވެ.
ކަން މިހެން އޮތް އިރު، މިހާރު ފެތުރެމުންދާ ކޮވިޑް-19އިން ދިފާއު ހޯދުމުގެ ނަމުގައި ހާޑް އިމިއުނިޓީ އިހުރިޔާރު ކުރުމަކީ އެދެވޭ ގޮތެއް ނޫން ކަމަށް ޑރ ޓެޑްރޯޒް ވަނީ އިންޒާރު ކުރައްވާފައެވެ.
ވާޗުއަލް ޕްރެސް ބްރީފެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ހާޑް އިމިއުނިޓީއަކީ ވެކްސިން ދިނުމަށް ބޭނުންކުރާ ކޮންސެޕްޓެއް ކަމަށެވެ. އެ ކޮންސެޕްޓަކީ، އާބާދީގެ ބޮޑު ޕަސެންޓަކަށް ވެކްސިން ދީގެން، ވައިރަހުގެ ނުރައްކަލުން އެ އާބާދީއެއް ހިމާޔަތް ކުރުމަށް ބާރުދޭ ކޮންސެޕްޓެއްކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.
ހާޑް އިމިއުނިޓީގެ އަސްލު ފަލްސަފާއަކީ ވައިރަހުން މީހުން ސަލާމަތް ކުރުން ކަމަށާ، އެއްވެސް ހާލެއްގައި ވައިރަހުގެ ނުރައްކަލަށް މީހުން ހުށަހެޅުން ނޫން ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ. އާންމު ސިއްހަތުގެ ތާރީހަށް ބަލާއިރުވެސް، ބަލިމަޑުކަމެއް ކޮންޓްރޯޅް ކުރުމަށް ހާޑް އިމިއުނިޓީ އިހުތިޔާރޫ ކޮށްފައި ނުވާކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.
ގުދުރަތީ ގޮތުން ބަޔަކަށް ވައިރަހުގެ އަސަރު ފޯރައިގެން އާބާދީގެ ބޮޑު ޕަސެންޓަށް އެ ވައިރަހަކަށް ދިފާއު ކުރުވަން މަސައްކަތް ކުރުމުގައި ސުލޫކީ މައްސަލަތަކެއް އުޅޭ ކަމަށްވެސް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ. އެގޮތުން، އެ ވައިރަހަކާ ބެހޭ މާ ތަފްސީލީ ވަނަވަރުތަކެއް ނޭނގޭ ވައިރަހެއް، މިނިވަންކަމާއެކު ފެތުރިގެންދާން ދޫކޮށްލުމަކީ، އެދެވިގެންވާ ކަމެއް ނޫންކަން ޑރ ޓެޑްރޯޒް ފާހަގަކުރެއްވިއެވެ.
ކޮވިޑް-19އާ ދެކޮޅަށް "ހާޑް އިމިއުނިޓީ"ގެ ކޮންސެޕްޓް ތަންފީޒު ކުރުމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރެއްވި ފަރާތްތަކުގެ ތެރެގައި، ކޮވިޑް-19އަކީ މާ ބޮޑު ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހިމެނިވަޑައިގަންނަވައެވެ.