އޮޅުވާލައިގެން ތިން ގޯތި މޯގޭޖް ކުރުމަށް ފަހު، އަމިއްލަ ބޭނުމަށް ލޯނެއް ނެގި މައްސަލާގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މާލެއިން ގޯއްޗަކާއި ވިލިމާލެއިން 2 ގޯއްޗެއް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ، އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށް ފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުވުމަށް އަންގައި ކަމަށެވެ.

އެގޮތުން އެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ ދެ މީހުންނަކީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، 50 އަހަރުގެ ހުސައިން ނަސީރާއި ކ. މާލެ/ ދަފްތަރު ނަންބަރު 6630، 48 އަހަރުގެ އާމިނަތު ލަތީފާއެވެ.

އެ ދެ މީހުންނަކީ ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ދަށުން ތަހުގީގަށް ހޯދަމުން ދާ ދެ މީހުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މީހުން ހާޒިރުވުމަށް އަންގާފައި ވަނީ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ 10:00 އަށެވެ.