އެމްއެމްޕީއާރްސީ މައްސަލައިގައި ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެން އަންނަ ވެރިކަމެއްގައި، ވަކި މީހަކަށް ބެލުމެއްނެތި އެންމެނަށް ހަމަހަމަ ކަމާއެކު އިންސާފު ހޯދައި ދޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީން ވާދަ ކުރައްވާނެ ކަަށާއި ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ. އަދި ވެރިކަމަށް ވާދަ ކުރެއްވުމުގެ ކުރިން ރައީސް ޔަމީން މިނިވަން ކުރާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޖޭއެސްސީގައި ހިނގާ ހުރިހާ ކަމެއް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އެ ދައްކަވަނީ ކޮން ބޭފުޅުންނެއްގެ ވާހަކަން އެ ބޭފުޅުންނަށް ނަން ހާމަ ނުކުރެއްވި ނަަމަވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި ދާދިފަހުން ރައީސް ޔާމީންއާ އެއްކޮޅަށް ސްޕްރީމް ކޯޓުން މައްސަލައެއް ނިމިފައި ވާތީ އެކަމާ ގުޅިގެން މިހާރު އިވިގެން ދަނީ ތަފާތު އެކި ގޮތްގޮތުން ޖޭއެސްސީން ނުފޫޒު ފޯރުވާން މަަސައްކަތް ކުރާ އަޑު ކަމަށެވެ.
ނަމަވެސް މި ސަރުކާރަކީ އަދުލުއިންސާފު ހޯދައިދޭނެ ކަމަށް ބުނެ އައިސް، އެކަމަށް ހުރަސް އަޅަމުންދާ ސަރުކާރެއް ކަމަށާއި މިހާރު ކުރިމަތިވަމުން ދާ ގޮންޖެހުން ތަކުން އަރައިގަނެވޭނީ ޕީޕީއެމްގެ ސަރުކާރެއް އައިސްގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ މި ތުހުމަތު ތަކާ ގުޅިގެން އަލީ ޒާހިރު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.