ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މޫދުގައި ގެއަޅައިގެން ދިރިއުޅުމުގެ ކޮންސެޕްޓެއް މިހާރު ތައްޔާރު ކޮށްފައި ވާ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހުށައަޅުއްވާފައި ވާ "ބިނާވެށި" ޕްލޭން ކުރުމާއި ހިންގުމުގެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅޭ ވާހަކަ ދެއްކުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވި ކަމަށާއި ނަމަވެސް އެކަން ނަގަނީ ވަރަށް ރަނގަޅު ވިސްނުމެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅޭނެ މޮޑެލް އެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިހާރު ތައްޔާރު ކުރައްވާފައި ވާ ކަމަށާއި އެ ކޮންސެޕްޓް އަދި ފުރިހަމަވެފައި ނުވިނަމަވެސް އެއީ މިހާރު ހެދިފައިވާ މޮޑެލެއް ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި އެއް ރަށެއްގައި އަޅުގަނޑު މިހާރު އެބައޮތް މޮޑެލެއް ހަދާފައި. އެގޮތަށް ބިން ބޭނުން ކުރެވޭނެ. އަޅުގަނޑަށް އަދި އޭތި މުޅިއަކުން ފުރިހަމަ ނުވި ނަމަވެސް ކޮންސެޕްޓެއް އަޅުގަނޑުމެނަށް އެބައޮތް ހެދިފައި.
މިނިސްޓަރު އަސްލަމް

ރާއްޖޭގައި އޮތް ބިމަކީ މަދު އެއްޗެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވެން ފަށާފައިވާ ކަމަށާއި ރާއްޖޭގެ ބިމާ ގުޅޭގޮތުން ދިވެހިން ދެކޭގޮތްވެސް މިހާރު ބަދަލުވާން ފަށާފައި ވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ބިންތައް ތަރައްގީވެފައި އޮތީ ތަސައްވުރެއް އޮވެގެން ނޫން ކަމަށާއި އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި މީހުން ތޮއްޖެހި އަދި ބިމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުކުރެވި ހުރިކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ވިސްނުމަކީ، ބިމުގެ މައްސަލަ ކުރިމަތި ވެފައިވާ ރާއްޖެއަށް އޮތް "ޓޯޓަލް ސޮލިއުޝަނެއް" ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން "ޓޯޓަލް ސޮލިއުޝަން" އަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ މޫދުގައި ކޮޓެރި ހަދައިގެން ދިރިއުޅޭ ވާހަކަ އެންމެ ފުރަތަމަ މިނިސްޓަރު އަސްލަމް ދެއްކެވީ ވެސް މަޖިލީހުގައި އަހަރުގެ ފެބުރުއަރީ މަހުއެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށާއި ފަޅު މަތީގައި ގެ އަޅައިގެން ދިރިއުޅުމުގެ ވިސްނުމަކީ ގެންގުޅެން ޖެހޭ ވިސްނުމެއް ކަމަށެވެ.