މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވާ މިޔަންމާގެ ޚުދުމުޚުތާރު ސަރުކާރާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި ފިޔަވަޅު އަޅައިދިނުމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފިއެވެ.

މިޔަންމާއާ ދެކޮޅަށް އައިސީސީ މެދުވެރިކޮށް ފިޔަވަޅު އަޅައިދިނުމަށް އެމްނެސްޓީއިން ގޮވާލާފައި ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސާބިތު ހެކި އެބަހުރި ކަމަށް ބުނެއެވެ. އެގޮތުން، އަރަކަން ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންގެ ނަމުގައި، ތަފާތު ކުރުމެއް، ބެލުމެއް ނެތި އާންމުންގެ ގަޔަށްވެސް ބަޑިޖަހަމުންދާކަން އެމްނެސްޓީއިން ވަނީ ފާހަގަކޮށްފައެވެ.

އެމްނެސްޓީއިން މިއަދު އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ މަންޒަރު ދުށް މީހުންގެ ބަޔާންތަކާ ފޮޓޯ އަދި ވީޑިއޯ ހެކިވެސް ލިބިފައި ވާކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑެޕިއުޓީ ރީޖަނަލް ޑައިރެކްޓާ ފޮ ކެމްޕެއިންސް، މިންގް ޔޫ ހާ ވިދާޅުވީ، އަރަކަން ގުރޫޕާއި މިޔަންމާގެ އަސްކަރިއްޔާއާ ދެމެދު ހިންގަމުންދާ ކުރިމަތިލުންތަކަށް ލުޔެއް ލިބިދާނެކަމުގެ އިޝާރާތެއް ފެންނަން ނެތް ކަމަށާ، މިކަމުގެ ތަކުލީފު އުފުލަމުންދަނީ އާންމު ރައްޔިތުން ކަމަށެވެ. އެގޮތުން، ދުވަހަށްވުރެ ދުވަހެއް މި ތަކުލީފުތައް ބޮޑުވަމުން އަންނަ ކަންވެސް އެމްނެސްޓީގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

އަރަކަން ގުރޫޕާއި މިޔަންމާގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންދަނީ ރާހީންއާއި ޗިން ސްޓޭޓްތަކުގެ ކޮންޓްރޯލްގެ މައްސަލާގައެވެ. މި ކުރިމަތިލުންތައް ގަދަވެފައިވާއިރު ބިމު އަޑީގައި ވަޅުލާފައިވާ މައިންތަކަށް އެރިގެންވެސް އާންމުންގެ ފުރާނައަށް ނުރައްކާ ވަމުން އަންނަ ކަމުގެ އަޑުތައް ވަނީ އިވިފައެވެ.

ރާހީން ސްޓޭޓަކީ ގިނަ އަދަދަކަށް ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންވެސް ވަޒަންވެރިވެ އުޅޭ ސްޓޭޓެކެވެ. މުސްލިމުންގެ މި ނަސްލު ދޮވެލުމަށް 2017 ވަނަ އަހަރުވެސް މިޔަންމާއިންވަނީ މިސަރަހައްދުގައި ވަރުގަދަ ގަތުލުއާންމެއް ހިންގާފައެވެ.