ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 35 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 59 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 35 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 35 މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 27 ދިވެހިންނާއި 8 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވް ވި 35 މީހަކާ އެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،894 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 50 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9742 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 72 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 368 މީހުންނެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ މީހުން ދިރިއުޅޭ 21 ރަށެއްގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ ތިބި 152 މީހުން ތިބި ކަމަށެވެ. މީގެ އިތުރުން 20 ރިސޯޓެއްގައި ވެސް ބަލިޖެހިފައި ވާ މީހުން ތިބި އިރު މީގެ ތެރޭގައި 10 ފަތުރުވެރިންނާއި 16 ސްޓާފުން ހިމެނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 35 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.