ސޯޝަލް މީޑިއާގެ ޒަމާނީ ވަޒަންވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމުގެ ގޮތުގައި ސިފަކުރަމުން އަންނަ، ޗައިނާގެ ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކުރުމުގެ ވިސްނުމެއް ޕާކިސްތާނުންވެސް ގެންގުޅެމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކުރުމަށް މިހާރުވެސް ފިޔަވަޅު އަޅަމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އަދި އިންޑިއާ ހިމެނެއެވެ. އިންޑިއާއާއި އެމެރިކާއިން މި އެޕްލިކޭޝަން މަނާ ކޮށްފައި ވަނީ ޒާތީ މައުލޫމާތުގެ ހައްގަށް އުނިކަން ލިބި، ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމުގެ ތުހުމަތުގައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާގެ ގާތް އެކުވެރިއެއްގެ ގޮތުގައި އޮތް ޕާކިސްތާނުން ޓިކްޓޮކް އެޕްލިކޭޝަން މަނާ ކުރުމަށް މަސައްކަތް ފަށާފައި ވަނީ، އިންޑިއާއާއި އެމެރިކާއާ ހިލާފު ސަބަބަކާ ހެދި ކަމަށް އިންޑިއާގެ މީޑިއާއަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޓިކްޓޮކް އެޕްލިކޭޝަން މަނާ ކުރުމަށް ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން މަސައްކަތް ކުރަނީ އެ އެޕްލިކޭޝަން މެދުވެރިކޮށް ދައުރުވަމުންދާ ކޮންޓެންޓަކީ ބޭ އަދަބީ ކޮންޓެންޓަށް ވެފައި، އެއީ ޒުވާނުންގެ މެދުގައި ނުބައި ސުލޫކަށް ހިތްވަރު ދެނިވި ކަމަކަށް ވާތީ ކަމަށް ޚަބަރު ލިބެއެވެ. މިކަމާ ގުޅޭ ޝަކުވާތަކެއް ޕީޓީއޭއަށް ހުށަހަޅާފައި ވާއިރު، ޕީޓީއޭއިންވަނީ މިކަންކަމަށް ރިއާޔަތް ކުރުމަށް، ޓިކްޓޮކް ކުންފުންޏަށް އިންޒާރުވެސް ކޮށްފައެވެ.