ޗައިނާގެ އަސްކަރިއްޔާއާއި އަސްކަރިއްޔާއަށް ހިދުމަތް ކުރަމުން އަންނަ މެންބަރުންގެ ގަދަރާއި އިއްޒަތަށް ކުޑައިމީސްކޮށް އަބުރު ގެއްލުވާ، އަގު ވައްޓާލާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކަށް ހަރުކަށި އަދަބު ދެވޭ ގާނޫނެއް ތައާރަފުކޮށްފިއެވެ.

ޗައިނާގެ އަސްކަރިއްޔާއަށް ފާޑުކިއާ ފަރާތްތަކަށް ހަރުކަށި އަދަބު ދެނިވި ގާނޫނެއް ތައާރަފުކޮށްފައި މިވަނީ، ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާގެ އެކުވެރިޔާގެ މަގާމުގައި އޮތް ޕާކިސްތާނުގައިވެސް މިފަދަ ގާނޫނެއް ފާސްކުރިތާ 2 މަހެއްހާ ދުވަސް ފަހުންނެވެ.

ޗައިނާގެ އަސްކަރިއްޔާއަށް ފާޑުކިއާ ފަރާތްތަކަށް ހަރުކަށި އަދަބު ދެނިވި ގާނޫނު ފާސްކޮށްފައި ވަނީ، ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގް ކޮމިޓީން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ސެޝަންގައެވެ.

އަސްކަރިއްޔާއާއި އަސްކަރިއްޔާގެ މެންބަރުންނަށް ބަދު ބަސް ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ޗައިނާއިން ފާސްކޮށްފައި ވާއިރު، އިންޑިއާއާ ދެކޮޅަށް ނިކުތް އަސްކަރީ މެންބަރުންގެ ތެރެއިން މި ދުނިޔެ ދޫކުރި ބައެއް މެންބަރުންނަށް ފާޑުކިއުންތައް އަމާޒު ކުރި އިންޓަނެޓް ސެލެބްރިޓީއެއް ކަމަށްވާ ކީ ޒިމީންގްގެ މައްޗަށް، 8 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާ ކަން ފާހަގަކުރަންޖެހެއެވެ. އަދި އާންމު ޑޮމެއިންތައް މެދުވެރިކޮށް، މައާފަށް އެދުމަށްވެސް އޭނާއަށް ވަނީ މަޖުބޫރު ކޮށްފައެވެ.