މި ފަހަކަށް އައިސް ބަންގްލަދޭޝްގައި ހިނގާ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ޖަރީމާތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން އެގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތައް ވަރުގަދަ ކޮށްފައި ވަނިކޮށް، ރޭޕިސްޓުންނާއި ޖީންސީ ގޯނާގެ ޖަރީމާ ހިންގާ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ މެދު ވިސްނަމުން އަންނަ ކަން ބަންގްލަދޭޝްގެ ސަރުކާރުން ހާމަކޮށްފިއެވެ.
ބަންގްލަދޭޝްގެ ލޯ މިނިސްޓަރު އަނީސުލް ހައްގު ވިދާޅުވީ، ޖިންސީ ގޯނާގެ ޖަރީމާތައް ހިންގާ ކުށްވެރިންނާ ގުޅޭ ގާނޫނުތަކަށް މިހާރުން މިހާރަށް ގެންނަންޖެހޭ އިސްލާހުތަކާ ބެހޭ ޕްރޮޕޯސަލެއް، ހޯމަ ދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. ހައްގު އިތުރަށް ވިދާޅުވީ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި، މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް އެބަ އޮތް ކަމަށާ، މި ފިޔަވަޅު އަޅުއްވާނީ، ބޮޑުވަޒީރު ޝައިހު ހަސީނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު، ރޭޕްގެ މައްސަލަތަކުގައި އިއްވާ ހުކުމްތައް މިހާރަށްވުރެ ހަރުކަށި ކުރުމަށް ޑިމާންޑްކޮށް ވަރުގަދަ މުޒާހަރާތަކެއް ވެރިރަށް ޑާކާގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާތަކުގައި އެތައް ހާސް ދަރިވަރުންނަކާ އަންހެނުން ބައިވެރިވިއިރު، ރޭޕިސްޓުންނަށް ރަހުމް ނުކުރުމަށާ ދަންޖައްސައިގެން ރޭޕިސްޓުން މެރުމަށް ގޮވާލާ ޝިއާރުތައް ވަނީ ބޭނުންކޮށްފައެވެ.
މެދު ނުކެނޑި 5 ދުވަހުގެ މުއްދަތަށް ބަންގްލަދޭޝްގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދިޔައީ ގަދަ އަތްވާ، ވިއްސާރައިގެ އިތުރުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ނުރައްކަލާވެސް އެކުގައި ކަން ފާހަގަކުރަންޖެހެއެވެ.
މި މުޒާހަރާތައް ފެށުނީ ބަންގްލަދޭޝްގެ ދެކުނުގެ އަވަށެއްގައި ފިރިހެނުންތަކެއް ވެގެން އަންހެނަކު އޮރިޔާންކޮށް، އޭނާއަށް އަނިޔާ ދިން މަންޒަރު ފެންނަ ވީޑިއޯއެއް މިމަހު ކުރީކޮޅުގައި ލީކުވީ ހިސާބުންނެވެ. މި ވީޑިއޯގައި ފެންނަ އަންހެން މީހާ ދިން ބަޔާނުގައި ބުނެފައި ވާ ގޮތުގައި އޭނާ ރޭޕްކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ބަޑީގެ ބިރު ދައްކައިގެން އެ ޖަރީމާ ހިންގި މީހެކެވެ. އެގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި ބަޑީގެ ބިރު ދައްކައިގެން އެތައް ފަހަރަކު އޭނާއަށް ގޯނާ ކުރި ކަމަށް އެ އަންހެން މީހާ ބުނެއެވެ. އަދި ދެކޮޅު ހަދައިފިނަމަ، ގޭންގް ރޭޕްގެ ޝިކާރައަކަށް ވާނެ ކަމުގެ އިންޒާރުވެސް އޭނާއަށް ދީފައި އޮތް ކަމަށް އެ އަންހެން މިހާ ބުނެފައިވެއެވެ.
ފުރަތަމަ ފަހަރަށް ބަޑީގެ ބިރުދައްކައިގެން ރޭޕްގެ ޖަރީމާ ހިންގި ކަމަށް ބުނާ ފިރިހެން މީހާއާއި އޭނާގެ ގުރޫޕުން ގޭންގު ހަދައިގެން މި އަންހެން މީހާ ރޭޕް ކުރީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އެ މަންޒަރުތައް ވީޑިއޯކޮށްފައިވަނީ ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމަށާ، އެ ގުރުޕާއެކު ރުހުމުގައި އެފަދަ އަމަލުތަކެއް ހިންގުމަށް އެއްބަސް ކުރުވުމަށް ކަމަށް މައުލޫމާތު ލިބެއެވެ. އެކަމަށް އެ އަންހެން މީހާ ދެކޮޅު ހެދުމުން، ސޯޝަލް މީޑިއާއަށް ވީޑިއޯ ލީކުކޮށްލީ ކަމަށް ޚަބަރު ލިބެއެވެ.
މި މައްސަލާގައި 8 މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ޚަބަރު ލިބެއެވެ.
ބަންގްލަދޭޝްއަކީ ރޭޕްގެ ޖަރީމާ އާންމު ވަމުން އަންނަ ގައުމެކެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އައިނުއް ސަލީޝް ކެންޑްރާ (އާސްކް) ގުރޫޕުގެ ރެކޯޑްތަކަށް ބަލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އޮއެވަރު އެންމެ ގަދަވެގެން ދިޔަ އެއް ދުވަސްވަރު ކަމަށްވާ މިއަހަރުގެ އޭޕްރިލް މަހާއި އޯގަސްޓް މަހާ ދެމެދު، ބަންގްލަދޭޝްގައި ދުވާލެއްގެ މައްޗަށް 4 އަންހެނުން ރޭޕްކޮށްފައިވެއެވެ.
170 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ބަންގްލަދޭޝްއަކީ މުސްލިމުންނަށް އަގުލަބިއްޔަތު އޮތް ގައުމެކެވެ.