ހުޅުމާލޭގައި ހުންނަ ފިިޔަވަތިން ޖުމްލަ 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަތިން 11 ކުދިންނާއި 11 ކެއާ ވޯކާސް އާއި އެއް ސްޓާފް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރޭގައި މިއަދު ޕޮޒިޓިވްވި 2 މީހަކު ހިމެނޭ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދު އިތުރު ދެ ކޭސް ފެނިފައިވާއިރު، އެންމެ ފުރަތަމަ ފިޔަވަތިން ކޮވިޑް ކޭސްތަކެއް ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އެ ދުވަހު ވަނީ ފިޔަވަތިން 13 ޕޮޒިޓިވް ކޭސް ފެނިފައެވެ. އެއާ އެކު މިހާރު ޖުމްލަ 23 ކޭސް ވަނީ ފެނިފައެވެ.
ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ ފިޔަވަތީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފަކު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރުމާ ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމުން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.
އެ ކުދިންގެ ޓެސްޓް ކޮށް އިތުރު 8 ކުދިން ޕޮޒިޓިވް ވެފައި ވާއިރު، އެ ކުދިންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖަކު ހިމެނޭތީ، އެ ކުއްޖާ ކެއާވޯކާ އާ އެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލަތު މޮނިޓާކޮށް އެދެވޭ ފަރުވާ ދެމުން ދާކަމާ ހާލު ރަނގަޅު ކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.
ޕޮޒިޓިވްވި އެހެނިހެން ކުދިން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީ އަކަށް ބަދަލުކުރެވިފައި ކަމަށާއި އެ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް ވެސް ޖެންޑާއިން ބުނެއެވެ.