ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 51 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 94 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 51 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 44 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 7 މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 36 ދިވެހިންނާއި 16 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 51 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،859 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 93 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9683 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 74 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 376 މީހުންނެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މީހުން ދިރިއުޅޭ 22 ރަށެއްގައި މިވަގުތު ކޯވިޑް-19 ޖެހިފައިވާ ތިބި 153 މީހުން ތިބި ކަމަށެވެ. މީގެ އިތުރުން 20 ރިސޯޓެއްގައި ވެސް ބަލިޖެހިފައިވާ މީހުން ތިބި އިރު މީގެ ތެރޭގައި 10 ފަތުރުވެރިންނާ 17 ސްޓާފުން ހިމެނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.