ރ. ވާދޫ އިން ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ދަ ޕެރެސް" އަށް މައުލޫމާތި ދެއްވަމުން ވާދޫ ކައުންސިލްގެ ރައީސް ހުސެން އަލީ ވިދާޅުވީ އެ ރަށުން މިއަދު ޕޮޒިޓިވްވެފައިވާ 4 މީހުންނަކީ ވެސް ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހުން ކަމަށެވެ.

އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ކަމަށާއި މިމީހުން ކަރަންޓީނުގެ މުއްދަތުގައި އިތުރު އެހެން ބަޔަކާއި ކޮންޓެކްޓްވެފައި ނުވާ ކަމަށެވެ.

ވާދޫ އިން ހަތަރު މީހުން ޕޮޒިޓިވްވިއިރު މިއީ އެރަށުން ކޮވިޑްގެ ކޭސްތަކެއް ފެނުން ފުރަތަމަ ފަހަރެވެ.

މިވަގުތު މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށެއްގައިި ކޯވިޑް-19 ޖެހިފައިވާ 147 މީހުން އެބަތިއްބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، 19 ރިސޯޓެއްގައި ވެސް ބަލިޖެހިފައިވާ މީހުން ތިބި އިރު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ 10 ފަތުރުވެރި އަކާއި، 16 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.

ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،808 އަށް އަރާފައެވެ. ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9654 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 74 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި ތިބީ 369 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.