އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 3.9 ޕަސެންޓު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކް އިން ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މުޅި ދެކުނު އޭޝިއާގެ ޖީޑީޕީ 14 ޕަސެންޓު މިއަހަރު ދަށްވާނެއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދީ ގޮތުން ދެކުނު އޭޝިޔާގެ ސަރަހައްދަކީ އެންމެ ބޮޑު އަސަރު ކުރާނެ ސަރަހައްދަށް ވެދާނެ ކަމަށް ވެސް އެދިރާސާއިން ދައްކައެވެ.
ދެކުނު އޭޝިޔާ ސަރަހައްދުން މިއަަހަރު އެންމެ ބޮޑަށް ގައުމީ އުފެއްދުންތެރިކަން ދަށްވެގެންދާނެ ގައުމަކީ ރާއްޖެ ކަމަށް އެދިރާސާގައި ބުނެފައިވާ އިރު މި އަހަރު ރާއްޖޭގެ ޖީޑީޕީ 25 ޕަސެންޓަށް ދަށްވާނެ ކަމަށް ވެސް އެދިރާސާއިން ދައްކައެވެ.
ރާއްޖޭގެ ޖީޑީޕީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.9 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ދެވަނަ ކުއާޓަރުގައި 19.5 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް ދިރާސާއިން ދައްކައެވެ. ނަމވެސް އަންނަ އަހަރު ރާއްޖެގެ އިޤްތިސާދު އަލުން ކުރިއަރާނެ ކަމަށް އެދިރާސާގައި ބުނެފައިވެއެވެ.
އެގޮތުން އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 3.9 ޕަސެންޓަށް ކުރި އަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާ އިރު މިބަލިމަޑުކަމުގެ ސަބަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހި އިޤްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް ޖުލައި މަހުގެ މެދުތެރޭގައި ބޯޑަރު އަޅުން ހުޅުވާ ރާއްޖެއަށް އަލުން ފަތުރުވެރިން އަންނަން ފަށާފައިވާ އިރު އިޤްތިސާދު މަޑުމަޑުން ހަމައަކަށް އެޅޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.