މިޔަންމާގެ ރާހީން ސްޓޭޓްގެ ރެފިއުޖީ ކޭމްޕުތަކުގައި، ރޯހިންޏާ ދަރިކޮޅުގެ 130،000 އެއްހާ މުސްލިމުން ދިރިއުޅެމުން ދަނީ ލާއިންސާނީ ހާލެއްގައި ކަމަށާއި، މި ކޭމްޕުތަކަކީ "އަނގަމަތި ހާއަށް އޮތް ޖަލެއް" ފަދަ ތަނެއް ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ – ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނެފިއެވެ.
މިއާއެކު އެ ޖަމިއްޔާއިންވަނީ، ރޯހިންޏާ ދަރިކޮޅުގެ މީހުން އެއްވެސް އިންސާފެއް ނެތި، މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްގެން އުޅޭ އުޅުން، މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށްވެސް ގޮވާލާފައެވެ.
މި ކޭމްޕުތަކުގައި އެ ހާލުގައި 130000 އެއްހާ ރޯހިންޏާ މުސްލިމުން ދިރިއުޅޭތާ 8 އަހަރެއްހާ ދުވަސް ވެދާނެ ކަމަށާ، އެ މީހުން ވަނީ އާއިލާތަކާ ވަކި ކުރެވި، އަމިއްލަ ބިމުންވެސް ބޭރު ކުރެވިފައި ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ.
2017 ވަނަ އަހަރާ ހަމައަށް ބަލާއިރު، ރޯހިންޏާ ދަރިކޮޅުގެ 1 މިލިއަނެއްހާ މީހުން މިޔަންމާގައި ދިރިއުޅެމުން ދިޔައެވެ. ނަމަވެސް މިޔަންމާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެއީ ބަންގްލަދޭޝްއިން މިޔަންމާއަށް ދަތުރުކޮށްފައިވާ ހިޖުރަވެރިންތަކެކެވެ. މިއާއެކު ރޯހިންޏާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ރަށްވެހިކަން ދިނުމަށް މިޔަންމާއިން އިންކާރު ކުރެއެވެ.
މިޔަންމާގެ ރެފިއުޖީ ކޭމްޕުތަކުގައި މިހާރު ދިރިއުޅެމުންދާ މީހުންނަކީ 2012 ވަނަ އަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން ގެދޮރު ގެއްލުނު މީހުން ކަމަށް މައުލޫމާތު ލިބެއެވެ.