ހދ ކުޅުދުއްފުށިން އެއަތޮޅު ކުރިނބިއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުރިނބި ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ ބަންޑުން ޖަހާލި ދޯނިން ދަތުރު ކޮށްފައިވަނީ 3 މީހުން ކަމަށާއި އެއީ 2 ފިރިހެނުންނާއި، އަންހެނެެއް ކަމަށެވެ. ދޯނި ބަންޑުން ޖަހާލުމުން އެ ރަށު އެހެން ދޯންޏަކަށް އެ މީހުން ނަގައިގެން ރަށަށް ގެނެސްފައިވާ ކަމަށާއި ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އަފްރާހް ވިދާޅުވިއެވެ.

ބަންޑުން ޖަހާލާފައިވާ ދޯނި ދަތުރުކުރަމުން ދިޔައީ، ކުނބުރުދޫއާއި ކުރިނބިއާއި ދޭތެރެއިން ކަމަށާއި ބަންޑުން ޖަހާލި އިރު ދޯނި އޮތީ ކުނބުރުދޫއާ ކައިރީގައި ކަމަށާއި މިހާރު ދޯނިވެސް ރަށަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށިން ކުރިނބީއަށް 3 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފަ / ފޮޓޯ: ކުރިނބި ކައުންސިލް

ކުރިނބީއަށް ނިސްބަތްވާ 35 ފޫޓުގެ "ވިންދު" ނަމަކަށް ކިޔާ އެދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯންޏަށް ބަރުކޮށްފައިވާ ހުރިހާ މުދާތަކެއްހެން ވަނީ ކަނޑުއަޑިއަށް ގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނި އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.