މިއަދު މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކޮށް، ސުވާލު ކުރެއްވުމުން، ލިބިވަޑައިގެންނެވި ޖަވާބަށް ހިތްހަމަޖެހިވަޑައި ނުގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާ، ތަޅުން ދޫކޮށް ވަޑައިގެންފިއެވެ.

ޖާބިރު ކުރެއްވި ސުވާލަށް މިނިސްޓަރު އަމީރު ޖަވާބު ދެއްވުމަށް ފަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމަށް އެއްޗެކޭ ވިދާޅުވެފައެވެ. އެ ބޭފުޅުން ވެސް ފާހަގަ ކުރެއްވީ ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓެއް ނެތް ކަމަށެވެ. އެހެން ކަމުން، ޖާބިރު ހިތްހަމަޖެހިވަޑައި ނުގެން މަޖިލިސް ތަޅުން ދޫކޮށް ވަޑައިގެންނެވީއެވެ.

މިނިސްޓަރު އަމީރާ، ޖާބިރު ކުރެއްވި ސުވާލަކީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ކުއްލި ލޮޅުމުގައި މަސްވެރި އާއިލާތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބި، މަސްވެރި އާއިލާތައް ބިކަވެފައިވާ އިރު، ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓައި އަދި މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ދައުލަތުގެ ދަރަނިތައް ބޮޑުކޮށް ދައުލަތުން އެލަވަންސް ދިނުން ހައްގުވާ ދިވެހި މަސްވެރިންނާއި ދަނޑުވެރި އާއިލާތަކަށް އެލަވަންސް ނުދެނީ ކީއްވެތޯއެވެ.

ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑްގެ ސަބަބުން އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން ލޯނާއި އެލަވަންސަތައް ދޫކުރަމުން ދާއިރު، މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް މި އެލަވަންސްތަކަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް މަސްވެރިންނަށް 8.4 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަދި މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެސްޑީއެފްސީން 100 މިލިއަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ހުޅުވާލާފައި ވާއިރު މިފްކޯއިން ވެސް މަސްވެރިން އަތުން ހަމަ އަގުގައި މަސް ގަނެ، ކިރުވުމަށް މަގުފަހިކޮށްދެމުން ދާ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮޕަރޭޝަނަލް އެފްޓީއޭއެއް ނެތް ކަމަށާއި، އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް މަޖިލީހުން އިތުރު ގާނޫނުތަކެއް ހަދައިގެން މެނުވީ އެ އެގްރީމަންޓް އެޕަރޭޝަނަލް ނުވާނެ ކަމަށެވެ. އަދި މި އެފްޓީއޭގެ ދަށުން މަސްވެރިންނަށް މާބޮޑު ފައިދާއެއް ނުވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މިކަމުގައި މަޖިލިސް ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ފްރީ ޓްރޭޑް އެގްރީމަންޓް އޮޕަރޭޝަނަލް ނުވާތީ، އެއީ އެފްޓީއޭއެއް ކަމަށް ބަލައި ނުގަނެވޭ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު، މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ޖާބިރު ތަޅުމުން ނުކުމެވަޑައި ގެންނެވީ ކޯފާ އިސް ކުރައްވާ ކަމަށެވެ. އެހެން ކަމުން، ކޯފާ އިސް ނުކުރައްވާ އަލުން މަޖިލިސް ތަޅުމަށް ވަޑައިގެން މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަށް ނަޝީދު ވަނީ ދަންނަވާފައެވެ. ނަޝީދު މިހެން ވިދާޅުވިތާ އިރރުކޮޅެއް ފަހުން ޖާބިރު، ތަޅުމަށް ވަޑައިގެން މަޖިލިސް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.