ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ވިޔާފަރިވެރިޔާ އަދި ލަވަކިއުންތެރިޔާ ރިއާނާގެ "ފެންޓީ" ބްރޭންޑްގެ ދަށުން އަލަށް ތައާރަފުކުރި ލޯންޖަރޭ-ލައިންގެ އުފެއްދުންތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ ފެޝަން ޝޯގައި، މުސްލިމުންނަށް ފުރައްސާރަ ވާ ގޮތަށް އަމަލު ކޮށްފައިވާތީ، އެކަމާ ދެކޮޅަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

އެމެޒޯން ޕްރައިމްއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ސްޓްރީމްކުރި މި ފެޝަން ޝޯގައި، އިންތިހާއަށް ނިވާކަން ކުޑަ، ލޯންޖަރޭ-ލައިންގެ ފަރުމާތައް ލައިގެން ތިބި މޮޑެލުން ނަށަމުން ދިޔަ "ޑޫމް" މި ލަވައަކީ، ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ އިބާރާތް ބޭނުންކޮށްފައިވާ ލަވައެކެވެ. 2017 ވަނަ އަހަރު ރިލީޒް ކޮށްފައިވާ މި ލަވާގައި "ރިމިކްސް" ކޮށްގެން ބޭނުންކޮށްފައިވާ ހަދީޡް ބަސްފުޅަކީ، ޤިޔާމަތާ ގުޅެ ހަދީޘް އެއް ކަމަށް ބުނެވެއެވެ.

މިފަދަ ބޭ އަދަބީ އަމަލެއް ހިންގާފައި ވާތީ ރިއާނާއަށް އަމާޒުކޮށް، މުސްލިމުން ނުރުހުން ފާޅު ކުރަމުންދާއިރު، ރިއާނާ ވަނީ، ލަވައިގައި ކިޔާފައިވާ އެއްޗަކާ މެދު ފުރިހަމަ ދިރާސާއެއް ކުރެވިފައި ނުވާ ކަމުގެ ފުރިހަމަ ޒިންމާ އުފުލާ ކަމަށާ، ސްޓްރީމްކުރާ ހުރިހާ ޕްލެޓްފޯމަކުން އެ ލަވަ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ހެދުން ފަރުމާ ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފާރޫގު އިރުޝާދު ބުނި ގޮތުގައި، މި ފަދަ ގޮތަކަށް ހަދީޘްއެއް "ބޭނުން ކުރުމަކީ" ބޭއިހުތިރާމް ކުރަނިވި އަމަލެއް ކަމަށެވެ.

މަޝްހޫރު ލަވަކިއުންތެރިޔާ ރިއާނާ އާންމު ކުރި ޕޯސްޓެއް / ފޮޓޯ: ބީބީސީ | އިންސްޓަގްރާމް

ރިއާނާގެ "ފެންޓީ" ބްރޭންޑްގެ ދަށުން ހިންގާ ލޯންޖަރޭ-ލައިންގެ އާ އުފެއްދުންތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ އިވެންޓަކީ އިންގިލާބީ، އަދި ހުރިހާ އެންމެންގެ ބައިވެރިވުން އެކުލެވޭނެ އިވެންޓެއްގެ ގޮތުގައި ސިފަކޮށްދިން އިރު، މިފަދަ އަމަލެއް ހިންގުމަކީ އިހުތިރާމް ކުޑަކުރިކަން ދޭހަކޮށްދިން ކަމެއް ކަމަށް އުމުރުން 19 އަހަރުގެ މައީޝާ ޗޯދްރީ ވަނީ ބުނެފައެވެ.

ނޭނގުމެއްގެ ތެރޭގައި ކުރެވުނު ކަމެއް ކަމަށް ރިއާނާ ބުނާއިރު، ކަން އެހެން އޮތް ކަމުގައި ވީ ނަމަވެސް، މައާފަށް އެދުމަށް އޭނާގެ ފޭނުން ވަނީ ގޮވާލާފައެވެ.