ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ތިއްބަވާ ތަރުތީބު ބަދަލުކޮށް، ޕާޓީތައް ވަކިން ތިބޭ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފިއެވެ.
އާންމު ކޮމެޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މިހާރު ނިންމާފައިވަނީ މަޖިލީހުގައި ހިމެނޭ ޕާޓީތައް ވަކިން ތަޅުމުގައި ތިބޭ ގޮތަށް މެންބަރުންގެ ތަރުތީބު ބަދަލު ކުރުމަށެވެ.
ކޮމިޓީން އެގޮތަށް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކަމާ މެދު އަދި ބަހުސެއް ހިންގާނެއެވެ. ތަޅުމުގައި ބަހުސް ކުރުމަށް ފަހު، ގޮތެއް ނިމޭނީ ތަޅުމުގައި ނަގާ ވޯޓުންނެވެ. އެބަދަލު ގެނައުމަށް އިސްލާހު ކުރަން ޖެހޭނީ މަޖިލީހުގެ ގަވާއިދެވެ.
މެންބަރުން މިހާރު މަޖިލީހުގައި ތިއްބަވަނީ މާލޭގެ މެންބަރުން ކުރީ ގޮނޑިބަރިތަކުގައި ތިއްބެވުމަށް ފަހު ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ހުރި ދާއިރާތަކުގެ މެންބަރުން ތަރުތީބުން ތިއްބަވާ ގޮތަށެވެ.
އެ ތަރުތީބު ބަދަލު ކުރުމާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އިދާރީ މޭޒު މެދުވެރިކޮށް ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި މަޖިލީހުގެ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަ ގޮތުގެ މައްޗަށް ދިރާސާ ލިޔުމެއް އެކުލަވާލިއިރު އޭގައި ވަނީ ރިޔާސީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަނީ ސިޔާސީ ޕާޓީތައް ތަރުތީބުވާ ގޮތަށް ކަމަށެވެ.
ރާއްޖޭގައި މިހާރު އޮންނަ ގޮތަށް އިދާރާ ދާއިރާތަކުން ގޮނޑިތައް ތަރުތީބު ކުރެވޭ ގޮތަށް އޮންނަނީ ރާއްޖޭގެ އިތުރަށް ފިިލިޕީންސްގައި އެކަނި ކަމަށްވާއިރު، ޕާޓީތައް ވަކިން ތިބުމަކީ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވެސް އޮންނަ ގޮތެކެވެ.
ހަމަ އެކަނި މާލޭގެ ހުރިހާ ދާއިރާތަކުގެ މެމްބަރުން ކުރިޔަށް ލާފައި އަތޮޅުތަކަށް ނިސްބަތްވާ ހުރިހާ މެމްބަރުން ފަހަތުގައި ބައިތިއްބާގޮތަށް މަޖުލިސްގެ ތަޅުން ތަރުތީބުކުރުމަކީ މާލެ އާއި އަތޮޅުތަކުގެ ތަފާތުކުރުން އޮންނަންޖެހޭކަމަށް އަތޮޅުތަކަށް ނިސްބަތްވާ ބޭފުޅުން ޤަބޫލުފުޅުކުރައްވަން ޖެހޭ ކަމެއްކަމަށް ދޭހަ ވާގޮތަށް ކުރެވިފައިވާ ތަރުތީބެއްކަމަށް ވެދާނެތޯއްޗެކެވެ. އެހެންނޫންނަމަ އެ މެމްބަރުންތައް ތިއްބަވަން ޖެހޭނީ އެންމެ ފަހަތުގައި ނޫންތޯ؟ މާލެ އަށް ދީފައިވާ ރަޖިސްޓަރީ އަކުރަކީ ޓީ 10 ނޫންތޯ؟ ކީއްވެތޯ މާލެއަށް އޭ 1 ނުދެއްވީ؟ އަޅުގަނޑު ދެކޭގޮތުގައި ހުރިހާ ދާއިރާއެއްވެސް ހަމަހަމަވާނެ. މަޖުލިސްގައި އިސް އެއްވެސް ދާއިރާއެއް އޮތްކަމަކަށް އަދި އޮންނަންޖެހޭނެ ކަމަކަށްވެސް ގަބޫލެއް ނުކުރަމެވެ.