ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ދެކުނު އޭޝިއާ ސަރަހައްދުން ބޮޑު ކުރިއެރުމެއް ހޯދާ، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތައުރީފު ހޯދި އަވަށްޓެރި ސްރީލަންކާއިން ކުއްލި ގޮތަކަށް ގިނަ ކޭސްތަކެއް ރިޕޯޓްކޮށްފިއެވެ.

އެގޮތުން، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ސްރީލަންކާއިން ވަނީ ކޮވިޑް-19އަށް، 220 މީހަކު ޕޮޒިޓިވްވި ކަމަށް ރެކޯޑް ކޮށްފައެވެ. މި 220 މީހުން ނިސްބަތްވަނީ، މިނުވަންގޮޑާގެ ގާމެންޓް ފެކްޓްރީ އަށް ކަން، ސްރީލަންކާގެ ނޭޝަނަލް އޮޕަރޭޝަން ސެންޓާ ފޮރ ޕްރިވެންޝަން އޮފް ކޮވިޑް-19ގެ އިސްވެރިޔާ އަދި އަސްކަރީ ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރާ ސިލްވާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މި ކަން ކަށަވަރު ވެފައިވަނީ، މިއަދު ހެނދުނު ލިބުނު ޕީސީއާރް ޓެސްޓުތަކުގެ ނަތީޖާއިން ކަމަށާ، މި އެންމެނަކީވެސް ބްރޭންޑިކްސް ފެކްޓްރީގައި މަސައްކަތް ކުރާ މީހުންކަމަށް ޚަބަރު ލިބެއެވެ. ރޭގެ ނިޔަލަށް (އިއްޔެ) ސްރީލަންކާއިން ރެކޯޑް ކޮށްފައި ވަނީ 101 ޕޭޝަންޓެކެވެ. މިއާއެކު، މި ކާރުހާނާގެ ކްލަސްޓާއިން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިވަނީ 321 އަށް އަރާފައެވެ. މި ހުރިހާ އެންމެނަކީވެސް ކުންފުނީގެ މުވައްޒަފުންނެވެ.

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ އެގައުމުގައި ޕީސީއާރް ޓެސްޓު ހަދާ މިންވަރު އިތުރު ކުރުމަށް ގޮވާލައްވާފައެވެ.

ސްރީލަންކާއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ރެކޯޑް ކުރި ފަހުން މިހާތަނަށް 3733 މީހަކަށް މި ބަލި ޖެހިފައި ވާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ. އަދި މި ބަލީގައި 13 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.